ސޫދާންގައި މިހާރު ކުރިއަށްގެންދާ ހަނގުރާމައިގައި އެ ގައުމުގެ ދުވަސްވީ ބަތަލާއެއް ކަަމަށްވާ އޭސިއާ އަބްދުލްމާޖިދް މަރާލައިފިއެވެ. އޭނާ މަރުވިިިއިރު އުމުރަކީ 81 އަހަރެވެ.

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ސޫދާންގެ ސިފައިންނާއި، ސޫދާންގެ ސިފައިންގެ ތެރޭގައި އޮންނަ ވަކި ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އާއި ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ސޫދާންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވެފައިވަނީ ޚަރްތޫމްގެ އުތުރުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ބަހްރީގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާ މަރުވިއިރު، އޭނާގެ ގަޔަށް ބަޑި ޖަހާ މަރާލީ ކާކުކަން ނޭނގޭ ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭސިއާ މަރާލުމާއެކު ސޫދާންގެ ރައްޔިތުންނަށް ވަނީ ޝޮކެއް ލިބިގެން ގޮސްފައެވެ. އޭނާއަކީ ސްޓޭޖް ތަކުގައި ދައްކަމުންދާ ހުނަރުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ހޯދި ބަތަލާއެއް ކަަމަށްވެސް ބުނެފައި ވެއެވެ.

އޭނާ އެންމެ ފުރަތަމަ މަޝްހޫރުވީ 1965 ވަނަ އަހަރު ނުކުތް "ޕަމްސީކާ" އިންނެވެ. އެއީ ބަޣާވާތުގެ ލީޑަރަކާ ދެކޮޅަށް ސޫދާންގެ ފުރަތަމަ އިންގިލާބަށް އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮމްދުރުމަންގެ ނެޝަނަލް ތިއޭޓަރުގައި 1965 ވަނަ އަހަރު ގެނެސްދިން ސްޓޭޖް ޑްރާމާއެކެވެ.

އޭނާއަކީ އެ ގައުމުގެ ފުރަތަމަ ޕްރޮފެޝަނަލް ސްޓޭޖް އެކްޓްރެސްއެވެ. ސްޓޭޖްތަކުގައި މަޝްހޫރު ކަން ހޯދުމަށްފަހު، ފަހުން ރިޓަޔާވެ އުޅުނީ ޓީޗަރެއްގެ ގޮތުގައެވެ.

އިއްޔެ ހެނދުނު އޭނާ މަރާލިއިރު، އޭގެ ގަޑިއިރެއްގެ ތެރޭގައި އޭނާ ވަނީ ވަޅުލައިފައެވެ. އޭނާ ވަޅުލާފައި ވަނީ އޭނާ އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔަ ކިންޑަގާޓަންގެ ދަނޑުގައެވެ. މިގޮތަށް ކަންތައް ކޮށްފައި ވަނީ އޭނާގެ ހަށިގަނޑު ސަހަރާއަށް ގެންދިއުން އެވަގުތު ހާލަތު ތަން ނުދޭތީއެވެ.