އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި މަރުވާ ގިނަ ބަޔަކު ގެތައް ތެރެއިން، މަރުވާތާ އެތައް ދުވަހެއް ފަހުން ފެންނަ މައްސަލަތައް އިތުރުވެއްޖެ އެވެ.

އެޤައުމުގެ ނޫސްތައް ބުނާގޮތުން މިގޮތަށް ފެންނަމުން ދަނީ، އެކަނި ދިރިއުޅޭ މީހުން ކަމަށާއި ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާއި ގުޅިގެން އެމީހުންގެ ހަށިތައް ގިނަ ފަހަރު ފެންނަނީ ކުނިވެ ގިނަ ދުވަސްތަކެއްވާ ފަހުން ކަމަށެވެ.

"ބައެއް މީހުންގެ ހަށިތައް ފެންނަނީ ކުނި ވަހުގެ ސަބަބުން އަވައްޓެރިން ރިޕޯޓްކޮށްގެން އިދާރާތަކުން ގޮސް ބެލުމުން. މިގޮތަށް ގިނަ ފަހަރަށް މަރުވެފައި ތިއްބާ ފެންނަނީ އެކަނި ގެތަކުގައި ދިރިއުޅޭ މީހުން،" ނޫސްތަކުގައި ވާހަކަ ދެއްކި ޑޮކްޓަރަކު ބުނެފައި ވެއެވެ.

އާންމުކޮށް މިގޮތަށް ދިމާވަނީ، އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ހޮސްޕިޓަލްތަކަށް ދިއުމަށް ބައެއް މީހުން ފަސް ޖެހޭތީއެވެ. އެހެންކަމުން ގިނަ ފަހަރަށް ބަލިން ރަނގަޅުވާނެ ކަމަށް ބަލައިގެން ބައެއް މީހުން ގޭގައި ތިބޭ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގައި ފަރުވާނުދެވި ގެތަކުގައި މިހާތަނަށް 700 އެއްހައި މީހުން މަރުވެފައި ވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވަނީ ހިތް ހުއްޓިގެން ނުވަތަ ސްޓްރޯކް ޖެހުން ފަދަ ކުއްލި ހާލަތުތައް މެދުވެރި ވެގެން ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކޮވިޑް-19 ގައި ހާލަތު މާބޮޑަށް ގޯސްވާކަން ފާހަގަ ނުކުރެވުނު ނަމަވެސް، ފަރުވާނުދެވިއްޖެ ނަމަ އޭގެ ނުރައްކާ ނޭނގި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮވެއެވެ. ޚާއްސަ ގޮތެއްގައި ހިތުގެ މައްސަލަތައް ކުއްލި ގޮތަކަށް ދިމާވެ، ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު މިކަމުން އޮންނަކަން ހޯދުންތަކުން އެނގެއެވެ.