ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޕާކިސްތާނުން ފައްސިވީ މީހުންގެ އަދަދު ދެލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޕާކިސްތާނުން މިހާތަނަށް ޖުމްލަ 202,955 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މީގެ ތެރެއިން 4072 މީހަކަށް ބަލި ޖެހިފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި 83 މީހަކު ހިމެނޭހެން ޕާކިސްތާނުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ޖުމްލަ 4118 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ޕާކިސްތާނަށް އިތުރުވަމުން އަންނައިރު، ބައްޔަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އެޤައުމުގައި ދުވަހެއް ދުވަހަކަށްއަންނަނީ އިތުރުވަމުންނެވެ. އެޤައުމަކީ މިހާރު ދުނިޔެއިން 12 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ޤައުމެވެ.

މިހާތަނަށް ޕާކިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 92,624 މީހެކެވެ. އެހެންކަމުން އަދިވެސް 106,213 މީހަކަށް އެޤައުމުގައި ފަރުވާދެމުން ދެއެވެ. މީގެ ތެރެއިން 2805 މީހެއްގެ ހާލު ދެރަ ކަމަށް ޕާކިސްތާނުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޕާކިސްތާނުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެޤައުމަށް ބަލީގެ ނުރައްކާ އިތުރު ވާން ފަށާފައި ވަނީ ޖޫން މަހުން ފެށިގެންނެވެ. ޕާކިސްތާން ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ދިހަ މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، ބައި މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު