ކޮވިޑް-19 ގެ ސަބަބުން ތައިލޭންޑްގައި އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއްދީ، އެގައުމުގެ ސްކޫލްތައް ހުޅުވާލުމަށް ތައްޔާރު ވެއްޖެއެވެ.

އެގައުމުގެ ސްކޫލްތައް ހުޅުވާލުމަށް ތައްޔާރުވެފައިވާއިރު، ސްކޫލްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަރިވަރުން ކްލާހުގައި ތިބޭއިރު، ގައިދުރުކަން ބެހެއްޓޭގޮތަށް ތިބުމަށް ވަނީ އަންގާފައެވެ.

ތައިލޭންޑުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޖެނުއަރީ މަހުގެ ކުރީ ކޮޅުގައެވެ. ދުވަހުން ދުވަހަށް އެގައުމުން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެގައުމުން ވަނީ ސްކޫލްތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން މަސާޖް ކުރާ ތަންތަން ބަންދުކޮށް، މާޗް މަހުގެ މެދު ތެރެއާއި ހަމައަށް ފުރަބަންދު އިއުލާނު ކޮށްފައެވެ.

އެ ގައުމުންވެސް ފުރަބަންދަށް ލުޔެއް ދިނުމަށް ނިންމާފައިވާއިރު، އޭޕްރިލް މަހުގެ ތެރޭގައި ހުއްޓާލާފައި އޮތް ޝެޑިއުލް ފްލައިޓްތައްވެސް މިހާރު ފެށުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ބަޔަކަށް އެގައުމަށް އެތެރެވެވޭނެ ގޮތަށް ވަނީ ހަާދާފައެވެ. އެގޮތުން ދުވާލަކަށް އެގައުމަށް އެތެރެވެވޭނެ ކަމަށް ނިންމާފައިވަނީ 200 މީހުންނަށެވެ. މި މީހުންނަށް އާދެވޭނީ އެގައުމުގެ ރައްޔިތުން އަނބުރާ ގެންނައިރު އެފްލައިޓްތަކުގައި ކަމަށް ވަނީ ބުނެފައެވެ.

ތައިލޭންޑުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 3،173 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 58 މީހަކު ވަނީ މަރުވެފައެވެ. އެގައުމުގެ އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ވެރިރަށް ބެންކޮކުންނެވެ. އެގޮތުން 1605 މީހަކު ފައްސިވެ، 24 މީހަކު ވަނީ ބެންކޮކުން މަރުވެފައެވެ.