ދުނިޔޭގައި ކިޔަވާކުދިން ދިރިއުޅުމަށް އެންމެ އެކަށީގެންވާ އަދި އެންމެ އެދެވޭ ރަށަކީ އިނގިރޭސިވިލާތުގެ ލަންޑަންކަމުގައި ކިއުއެސް ހަޔާރ އެޑިއުކޭޝަން ޑާޓާ އެނަލިސްޓުން ކަނޑައަޅައިފިއެވެ. މީގެ ކުރިން އެ ފަރާތްތަކުން ވަނީ ކިޔަވާކުދިންނަށް އެންމެ އެދެވޭ ރަށުގެ ގޮތުގައި މޮންޓްރިއާލް އަދި ޕެރިސް ވެސް ހިމަނައިފައެވެ.

\ކިޔަވާކުދިންނަށް އެންމެ އެދެވޭ ރަށުގެ ގޮތުގައި މިފަހަރު ލަންޑަން ހޮވިގެން ދިޔައީ އެ ރަށުގައި ހުރި މަތީ ފެންވަރުގެ ޔުނިވާރސިޓީތަކުގެ އަދަދު، ވިޔަފާރީގެ ފުރުސަތު ހުރި މިންވަރު، ސަގާފަތާއި ދިރިއުޅުމުގެ ފެންވަރަށްވެސް ބެލުމަށްފަހުގައެވެ. އެ ހުރިހާ ދާއިރާއަކުން ލަންޑަންއަށް މަތީ ނަތީޖާ ލިބުނުއިރު އެ ރަށުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ނަތީޖާއަށް އަސަރުކުރުވައިފައެވެ. އެ ދިރާސާތަށް ކުރުމުގައި 50000 އެއްހާ ކިޔަވާކުދިންގެ މެދުގައި ވަނީ ސާރވޭ ކުރެވިފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ފެންވަރު މަތި ބައެއް ޔުނިވާރސިޓީތައް ހުންނަ ރަށެވެ. އެގޮތުން ޔުނިވާރސިޓީ ކޮލެޖް ލަންޑަން، އިމްޕީރިއަލް ކޮލެޖް އަދި ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އަދި ކިންގްސް ކޮލެޖްވެސް ހުންނަނީ އެރަށުގައެވެ. ލަންޑަނަކީ އެގޮތުން ބޭރު އެހެން ގައުމުތަކުން އަންނަ ކިޔަވާކުދިންނަށް އެއްވެސް ކަހަލަ ބީރައްޓެހިކަމެއް އިހުސާސްކުރަން ޖެހޭ ފަދަ ރަށެއް ނޫންކަމުގައިވެސް އި ދިރާސާއިން ވަނީ ހޯދައިފައެވެ.

އެ ދިރާސާގެ ދެވަނަ މަގާމުގައި އޮތީ ޖަޕާނުގެ ޓޯކިޔޯއެވެ. ދެން އެ ލިސްޓުގައި ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ކެނެޑާގެ ޓޮރޮންޓޯ އަދި ނެދަލޭންޑްސްގެ އެމްސްޓަޑެމްވެސް ހިމެނެއެވެ. އޮސްޓްރޭލިއާގެ މެލްބާރން އަދި ސިޑްނީގެ އިތުރުން ޖަރުމަންވިލާތުގެ ބާރލިން އަދި މިއުނިކްވެސް ހިމެނެއެވެ.