ފްރާންސްގެ ފައްޅިއެއް ކަމަށްވާ "ނަންޓެސް ކެތެޑްރަލް" ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ސީއެންއެން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެ ފައްޅިގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 1972 ވަނަ އަހަރުވެސް މި ފައްޅީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

"ނަންޓެސް ކެތެޑްރަލް" ގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާއިރު، މީގެ 15 މަސް ކުރިން ޕެރިސްގައި ހުންނަ "ނޯޓޭ ޑޭމް ކެތެޑްރަލް" ފައްޅީގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އަލިފާން ނިއްވުމުގައި އިސްކޮށް ހަރާކާތްތެރިވި، ލައުރެންޓް ފާލޭ ބުނީ، "ނަންޓެސް ކެތެޑްރަލް" ގައި ހިނގި އަލިފާނުގައި ހާދިސާއަކީ 2019 ވަނަ އަހަރު "ނޯޓޭ ޑޭމް ކެތެޑްރަލް" ގައި ހިނގި އަލިފާނުގެ ހާދިސާއާއި އަޅާބަލާއިރު ބޮޑު ހާދިސާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަލިފާނުގެ ސަބަބުން އިމާރާތުގެ އެތެރެ ބަލިކަށިވުމުގެ ސަބަބުން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ކަމާއި ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

"ނަންޓެސް ކެތެޑްރަލް" ފައްޅިއަކީ 15 ވަނަ ގަރުނުގައި އަޅާފައިވާ ފައްޅިއެކެވެ. 2019 ވަނަ އަހަރު އަލިފާނުގެ ހާދިސާ ހިނގާފައިވާ "ނޯޓޭ ޑޭމް ކެތެޑްރަލް" އަކީ 857 އަހަރު ވެފައިވާ ފައްޅިއެކެވެ. އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް އެ ފައްޅިއަށް ލިބިފައިވާތީ ފްރާންސްގެ ސަރުކާރުން ވަނީ އަލުން ފައްޅި އެޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ.

"ނަންޓެސް ކެތެޑްރަލް" ގައި ހިނގި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި 104 އަލިފާން ނިއްވާ ފަރާތްތަކަށް ފްރާންސްގެ ރައީސް، އެމަނުއަލް މަކްރޮން ވަނީ ޝުކުރު އަދާ ކޮށްފައެވެ.