އެމެރިކާގެ ހަނގުރާމަމަތީ ޖެޓުތަކެއް، އީރާނުގެ ފަސެންޖަރުން އުފުލާ މަތިންދާ ބޯޓެއް ދަތުރުކޮށްފައި ދަނިކޮށް، ވައިގެ ތެރެއިން އެ ފްލައިޓަށް ނުރައްކާ ކުރިމަތިކޮށް އިމަޖެންސީގައި ޖައްސަން މަޖުބޫރުކުރުމުން އެއިން ދަތުރުކުރި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން އީރާނުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައި އީރާނުގެ "މަހަން އެއާ" ގެ ފްލައިޓެއް ތެހެރާނުން ފުރައިގެން ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އެމެރިކާގެ އަސްކަރީ ޖެޓުތަކުން މި ފްލައިޓާއި "ދިމާކޮށްލީ" ސީރިޔާގެ ވައިގެ ސަރަޙައްދުންނެވެ.

އީރާނުގެ އިސްލާމިކް "ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިން" އިން ރިޕޯޓް ކޮށްފައިވާގޮތުން އެމެރިކާގެ ހަނގުރަމަމަތީ ދެ ޖެޓެއް ވަނީ "މަހަން އެއާ" ގެ ފްލައިޓާއި އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކޮށްފައެވެ. މިކަމާއި ގުޅިގެން ފްލައިޓުގެ ޕައިލެޓުން ވަނީ ނުރައްކަލުގެ އިންޒާރުދީ ފްލައިޓާއި ދުރުން ދަތުރު ކުރުމަށް ޖެޓުތަކަށް އިރުޝާދު ދީފައެވެ.

މި ހާދިސާ އާއި ގުޅިގެން މަހަން އެއާގެ ފްލައިޓް ލުބުނާނުގައި އިމަޖެންސީކޮށް ޖައްސަން މަސައްކަތްކުރި ވަގުތު އެއިން ދަތުރުކުރި ތިން ފަސެންޖަރަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ. މިކަމާއި ގުޅިގެން އެ ފަސެންޖަރުން ވަނީ ފްލައިޓު ޖެއްސުމާއެކު އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. މި ހާދިސާގައި ފްލައިޓުގެ ކްރޫއިންނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓު ތެރެއިން ބައެއް ފަސެންޖަރުން ނަގާފައިވާ ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން އެމެރިކާގެ ޖެޓުތައް ފްލައިޓާއި ކައިރިން ދަތުރުކުރާ މަންޒަރު ފެންނައިރު، ފްލައިޓު ތެރޭގައި ތިބި ބައެއް މީހުންނަށް އަނިޔާވެ ހަށިގަނޑުން ލޭ ފައިބަމުންދިޔަ މަންޒަރުވެސް ފެނެއެވެ. އަދި ފްލައިޓުގެ އެތެރޭގައި ހުރި ގޮނޑިތަކާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންވެފައި ހުރި މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި ތިން މީހުންނަކީ ލުބުނާނަށް ނިސްބަތްވާ ތިން މީހުންނެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެގެ މި ހާދިސާއަށްފަހު އީރާނުން ވަނީ ހާދިސާ ތަހުޤީޤު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި އެމެރިކާގެ އަސްކަރިއްޔާއިން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުސަން

    އީރާނާ ކުރިމަތިލާން ނުކެރިގެން ތިކަހަލަ ކޫސަނިކަންކަން ކަލޭމެނައްވާނީ..ގަޓުހުރިއްޔާ އީރާނުގެ ރިވޮލިއުޟަނަރީ ގާޑާއި ކުރިމަތިލާބަ

    34
  2. ބޭޗާރާ

    ސީދާ އެމެރިކާއިން ހިންގި ޓެރަރިޒަމްގެ އަމަލެއް.

    22
  3. ކަހުރަބު

    ކްރިސްޓިއަނުންނަ ކަށް ނިންޖެއް ނާންނާނެ ޖެއްސުމުގެ ކޮންމެވެސް ކަމެއް ނު ކޮށެއް

    8
    1