މެކްސިކޯ އަށް 7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެކްސިކޯގެ މެދުތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް ވަނީ ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވިފައެވެ.

ބިންހެލުން އައިސްފައި ވަނީ ގަޑިއެއްހާއިރު ކުރިން މެކްސިކޯ ގަޑިން ހަވީރު 17:39 ގައެވެ.

ބިންހެލުމުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. ނަމަވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީސް މީޑިއާގައި ދަނީ އިމާރާތްތައް ވަރަށް ބޮޑަށް ލޮޅުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުންނެވެ.

ބިންހެލުން އައުމާއި ގުޅިގެން ގިނަ އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. ބިންހެލުން އައުމާއި އެކު ބިންހެލުން އައި ސަރަހައްދުތަކުގެ އަސާސީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އޭގެތެރޭގައި ކަރަންޓާއި ފެނާއި ގޭހުގެ ޚިދުމަތް ޚިމެނެއެވެ. އެޚިދުމަތްތައް މެދުކަނޑާލާފައި ވަނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނެޓްވޯކްތަކަށް ގެއްލުމެއް ލިބިފައި ވޭތޯ ބެލުމަށްޓަކައެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ވެސް މެކްސިކޯ އަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މިބިންހެލުމުގައި 300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.