ލުބުނާނުގެ ވެރިކަން ކުރާ ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ބާރުގަދަ ގޮވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިއާއާއި ގަތަރުން ނިންމައިފިއެވެ.

މި ހާދިސާގައި ބެއިރޫތު ސިޓީ އެއްކޮށް ކަހަލަ ގޮތަކަށް ބިމާއި ހަމަވެފައިވާއިރު، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

ރަޝިއާގެ ސަރުކާރުން ބުނެފައިވަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސިއްހީ ސާމާނުތަކާއި ޑޮކްޓަރުންގެ ޓީމެއް ބެއިރޫތުގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދިނުމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަޝިއާއިން ވަނީ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ އަދި މީހުން ހޯދުމުގެ ތަޖުރިބާކާރުންވެސް އެގައުމަށް ފޮނުވުމަށް ނިންމާފައެވެ. މިގޮތަށް ފޮނުވާ ބައެއް ފަރާތްތަކަކީ ކޮވިޑް-19 ޖެހިފައިވާ މީހުން ހޯދުމަށް ފޮނުވޭ ފަރާތްތަށް ކަމަށްވެސް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ލުބުނާނުގައި މި ހާދިސާ ހިނގާފައިވަނީ އެގައުމުގައި ކޮވިޑް-19 ގެ 5,000 އަށްވުރެ ގިނަ ވޭދަންތަކެއް ފެނިފައިވާ ދަނޑިވަޅެއްގައި ކަމުން މަރުވެފައިވާ ފަރާތްތަކުންވެސް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ދެކެއެވެ.

ރަޝިއާއިން މިފަދަ އެހީތެރިކަމެއް ލުބުނާނަށް ވާއިރު، ގަތަރުގެ އަމީރު ތާމިމް ބިން ހަމަދް އަލް ތާނީ ވަނީ ލުބުނާނުގެ ރައީސް މައިކަލް އައުން އަށް ފޯނުން ގުޅުއްވައި ލިބުނު ގެއްލުމުގައި ބައިވެރިވާ ކަމަށްބުނެ، އެގައުމުން ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުންވެސް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ވަނީ ލުބުނާނުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން އެގައުމަށް ބޭނުންވާ އެހީތެރިކަމާއި ސިއްހީ ކަންކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ފަހުގެ ތާރީހުގައި ލުބުނާނުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާއި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއްގައި ނުރައްކާތެރި ގޮވާ ޒާތުގެ ކެމިކަލެއް ކަމަށްވާ "އެމޯނިއަމް ނައިޓްރޭޓް" ރައްކާކޮށްގެން ގެންގުޅެމުން އަންނާތީ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ހާދިސާގައި މިހާތަނަށް 100 މީހަކު މަރުވެފައިވާއިރު، މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯތަކުން ފެންނަ ގޮތުގައި ގޮވުމާއި އެކީ މުޅި ސަރަހައްދަށް ވަނީ އަސަރުކޮށް، ސުންނާފަތިވެފައެވެ.