ލުބުނާންގެ ވެރިރަށް ބެއިރޫތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުން ޒަހަމްތަކެއްވި މީހަކު 14 މަސް ފަހުން މަރުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ އިބްރާހިމް ހާބް އާއިލީ މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބެއިރޫތުގައި އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެސަރަހްދުގައި އޭނާ މަސައްކަތް ކުރަމުން އަންނަ އޮފީހުގައެވެ. އަދި އެސަރަހައްދު ގޮވައި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެހާދިސާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާ ވަނީ އޮތީ ތިން މަސް ދުވަސް ވަންދެން ކޯމާ އެއްގައެވެ. އެހެން ނަމަވެސް ފަހުން ހާލަތު ރަނގަޅުވަމުން އައިސް މަރުވެފައިވަނީ އޭގެ 14 މަސް ފަހުން ގެއަށް ބަދަލުކުރިތާ ތިން ދުވަސް ވެސް ނުވަނީސް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ބެއިރޫތުގައި އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައިވާ ޕޯޓެއްގައި ހިނގާދިޔަ މި ގޮވުމުގެ ހާދިސާގައި 6،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އަދި 300،000 އަށްވުރެ ގިނަ މިހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެގައުމުގެ ގަވަރުނަރު ވަނީ ބުނެފައެވެ. އެހެންކަމުން ގެދޮރު ގެއްލިފައިވާ ބައެއް ފަރާތްތަކަށް މިހާރު ވަނީ ވަގުތީ ހިޔާ ދީފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 215 އަށް އަރާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކިހިނެއްކަން ބެލުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް މިކަން ހިނގާފައިވާ ގޮތެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ތަހުގީގަށް މީގެ ކުރިން ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.