ބަންގްލަދޭޝްގައި ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ ފޭކް ލިޔެކިޔުންތަކެއް ހަދަމުންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން މި މައްސަލަ އާއި ގުޅިގެން ބަންގްލަދޭޝްގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ، ކޮވިޑް-19 ނެތްކަން އަންގައިދޭ ފޭކް ރިޕޯޓްތަކެއް ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައެވެ.

ނޫސްތަކުގައި ވާގޮތުން މި މައްސަލަ ފެންމަތިވެފައި ވަނީ ބަންގަލަދޭޝްގެ ވެރިކަންކުރާ ޑާކާގައި، އެޤައުމުގެ ސަރުކާރުން ކޮވިޑް-19 އަށް ފަރުވާ ކުރާ ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރެޖެންޓް ހޮސްޕިޓަލުގައެވެ. މި ހޮސްޕިޓަލުގެ އިސް ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ބްނަގްލަދޭޝްގެ އިދާރާތަކުން ހޮސްޕިޓަލުގައި ހިންގި ރެއިޑަކަށްފަހު އެވެ. މި ރެއިޑުގައި ކޮވިޑްގެ ފޭކް ލިޔެކިޔުންތައް ހޮސްޕިޓަލުގައި ވިއްކަމުން ދިޔަކަމުގެ ހެކިތައް ވަނީ ހޯދާފައެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ އިސް އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވާ ގޮތުން އެ ހޮސްޕިޓަކުން ދިހަ ހާހަށްވުރެ ގިނަ މީހުންގެ ޓެސްޓުތައް ހެދުމަށް ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. އޭގެތެރެއިން ޓެސްޓު ހަދާފައި ވަނީ 4200 އެއްހައި މީހުންގެ ސުންކުން ކަމުގައި ވީނަމަވެސް، ސުންކު ނެގި އެންމެންނަށް ރިޕޯޓު ދޫކޮށްފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޮފިޝަލުން ބުނެފައިވަނީ، މި ހޮސްޕިޓަލުން ކޮވިޑް-19 ގެ ސުންކު ނެގިނަމަވެސް، ޓެސްޓު ހަދަމުން ދަނީ އެހެން ފެސިލިޓީއަކަށް އެ ސުންކުތައް ފޮނުވައިގެންނެވެ.

ފުލުހުން ބުނެފައިވަނީ، މި ހޮސްޕިޓަލަކީ 2014 ވަނަ އަހަރު ރެޖިސްޓްރީގެ މުއްދަތު ހަމަވެފައިވާ ހޮސްޕިޓަލެއްކަން ވެސް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ އަހަރުން ފެށިގެން ހޮސްޕިޓަލް ހިންގަމުން ދިޔައީ ޤަވާއިދާ ޚިލާފަށް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހޮސްޕިޓަލުން ކޮވިޑް-19 ގެ ފޭކް ރިޕޯޓެއް ވިއްކަމުން ދިޔައީ ގާތްގަނޑަކަށް 45 އެމެރިކާ ޑޮލަރަށް ކަމަށް ވެއެވެ. މިގޮތުން ގިނަ ބަޔަކަށް ރިޕޯޓްތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޮސްޕިޓަލުގެ ވެރިން ހޯދާފައިވާކަން، ތަހުޤީޤުން ހާމެވަފައި ވެއެވެ.

މީގެ ކުރިން އިންޑިއާގެ ހޮސްޕިޓަލެއްގައި ވެސް ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ ފޭކް ރިޕޯޓްތަކެއް ވިއްކަމުން ދިޔަ މައްސަލައެއް ފަޅާއަރާފައި ވެއެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ، ހޮސްޕިޓަލުގެ ޑޮކްޓަރަކު، ފޭކް ރިޕޯޓް ވިއްކުމާއި ގުޅޭގޮތުން ބަޔަކާއި ވާހަކަ ދައްކައި، އެމީހުންގެ އަތުން ފައިސާ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.

ބައެއް ހޮސްޕިޓަލްތަކުން ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ ފޭކް ރިޕޯޓްތައް ވިއްކަމުންދާ މައްސަލަ ފެންމަތިވަމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަކަށް އެތެރެވާން ރިޕޯޓް ހުށަހަޅަންޖެހޭ އުސޫލަށް އަމަލުކުރަމުން ދެއެވެ. ނަމަވެސް ފޭކް ރިޕޯޓްތައް ހުށަހަޅައިގެން ޤައުމުތަކަށް ކޮވިޑް ބަލީގެ މީހުން އެތެރެވުމަކީ ނުރައްކާ ބޮޑުވެގެން ހިނގައިދާނެ ކަމެކެވެ.