ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ނިއުޒިލޭންޑުން ފެންމަތިނުވާތާ ސަތޭކަ ދުވަސް ވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް ނިއުޒިލޭންޑުގެ ޑިރެކްޓަރ އޮފް ހެލްތު، ޑރ. އޭޝްލީ ބްލޫމްފީލްޑް ނޫސްތަކުގައި ވިދާޅުވެފައި ވަނީ އެޤައުމުން ބަލީގެ ވޭދަނައެއް ފެންމަތިވެފައި ނުވީނަމަވެސް، އެހެން ޤައުމުތަކުން ދަތުރުކުރި ބައެއް މީހުން ފައްސިވެފައިވާ ކަމަށެވެ. މިގޮތުން މިވަގުތު އެފަދަ 23 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އޭޝްލީ ވިދާޅުވީ، ނިއުޒިލޭންޑުގެ މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ފެތުރެމުން ނުދިއުމާއެކު މި ބަލި އެޤައުމުގައި ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، ބަލީގެ ނުރައްކާ ނެތްކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެއީ "ބަލި ކޮންޓްރޯލް ކުރެވުނު އެހެން ބައެއް ޤައުމުތަކުގައި ވެސް އަލުން ބަލި ފެތުރެން ފެށި މަންޒަރު" ފެނިފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުޒިލޭންޑުން މީގެ ތިން މަސް ކުރިން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެފައިވާކަން އިއުލާނުކޮށްފައި ވާއިރު، އިތުރު ވޭދަނައެއް ފެންމަތިނުވެ ބަލި ކޮންޓްރޯލް ކުރެވިފައި މިވަނީ، ބަލީގެ ނުރައްކަލާއެކު އެޤައުމުގައި އަޅާފައިވާ ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. މިގޮތުން އެޤައުމުގެ ހުރިހާ ސަރަޙައްދެއްހެން ފުރަބަންދުގެ ހާލަތަށް ގެންގޮސް އާންމުން ބޭރަށް ނިކުމެއުޅުން ގިނަ ދުވަސްތަކެއް ވަންދެން މަނާކޮށްފައި އޮތެވެ.

ނިއުޒިލޭންޑުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި ވާއިރު، އެޤައުމުގައި މިހާރު އަންނަނީ އާ އާންމު ހާލަތަށް ރުޖޫޢަވެ، ބައެއް ފިޔަވަޅުތަކަށް ލުއިދެމުންނެވެ. މިގޮތުން އާންމުން ތަންތަނަށް އެއްވުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވުމުގެ ހުއްދަވެސް މިހާރު އެޤައުމުގައި ވަނީ ދީފައެވެ. ނަމަވެސް މި ހުއްދަތައް ލިބިދިން ނަމަވެސް ސަމާލުވާން ޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކެއް އެޤައުމުގައި ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުން މިހާތަނަށް ޖުމްލަ 1569 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް ކޮންޓްރޯލް ކުރެވުނު ޤައުމުތަކުގެ ތެރޭގައި ނިއުޒިލޭންޑު ހިމެނެއެވެ.