އަރުމޭނިއާއިން އާއި އަޒަރުބައިޖާނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެންނަން އަރުމޭނިއާއިން ބޭނުން ނުވާކަމަށް، އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ރައީސް އަލިޔޭވް ވިދާޅުވީ، އަރުމޭނިއާ އިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ ޝަރުތުތަކަކީ އެއްބަސްވެވޭ ފަދަ ޝަރުތުތަކެއް ނޫން ކަމަށާއި، އެޤައުމުން ހަނގުރާމަ ފެށި މަޤުސަދު ހާސިލް ކުރުމަށްފަހު ނޫނީ ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.

އަޒަރުބައިޖާން އާއި އަރުމޭނިއާ އާއި ދެމެދު ހަނގުރާމައެއް ފެނިފައިވަނީ، ދެޤައުމު ގުޅޭ ސަރަޙައްދީ އިމުގެ މައްސަލައިގައެވެ. އަރުމޭނިއާއިން ހަނގުރާމަކުރަމުން ދަނީ މި ސަރަޙައްދުގައި އޮންނަ ނަގޮރްނޯ-ކަރަބަކް އަތުލައިގަތުމަށެވެ. އަރުމޭނިއާއިން އަޒަރުބައިޖާނަށް ހަމަލާ ދެމުން ދަނީވެސް މި ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް ވަދެގެންނެވެ.

އަޒަރުބައިޖާންގެ ރައީސް، އަލިޔޭވް ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އަރުމޭނިއާއިންކުރާ ޝަރުތަކީ އަޒަރުބައިޖާނުން ނަގޮރްނޯ-ކަރަބަކް ސަރަޙައްދު ދޫކޮށްލުން ކަމަށެވެ. އަދި އެ ސަރަޙައްދަކީ އަރުމޭނިއާގެ ސަރަޙައްދެއް ކަމަށް އެޤައުމުގެ ބޮޑުވަޒީރުވެސް އިއުލާނުކުރައްވާފައިވާ ކަމަށާއި، އެކަމުންވެސް ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާކަން ހާމަވެގެންދާ ކަމަށް އަލިޔޭވް ވިދާޅުވިއެވެ.

އަލިޔޭވް އިތުރަށް ވިދާޅުވީ، ނަގޮރްނޯ-ކަރަބަކްގެ މައްސަލައިގައި ކުރިން ކުރެވުނު ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްޙަވެރިކަންމަތީ އޮއްވައި އަރުމޭނިއާއިން އިސްވެ އަލުން ހަމަލާތައް ދޭން ފެށީ، ދެން އިތުރަށް މަޝްވަރާކުރަން ބޭނުން ނުވާތީ ކަމަށެވެ. އެހެންކަމުން ހަނގުރާމަ ހުއްޓާލުމުގެ ނިޔަތެއް އަރުމޭނިއާއިން ނުގެންގުޅޭ ކަމަށްވެސް އަލިޔޭވް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި މި ހަނގުރާމަ ފެށިފައި ވަނީ، އަޒަރުބައިޖާނުގެ ސިފައިން ނަގޮރްނޯ-ކަރަބަކްގައި ތަމްރީނު ހަދަމުން ދަނިކޮށް އަރުމޭނިއާ ސިފައިން އިސްވެ ހަމަލާތައް ދޭން ފެށުމުންނެވެ. އެ ހަމަލާގައި އަޒަރުބައިޖާންގެ ގިނަ އަދަދެއްގެ ސިފައިންވެސް ވަނީ މަރާލާފައެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން މި ހަނގުރާމައިގައި މިހާތަނަށް އަޒަރުބައިޖާނުގެ 700 އަށްވުރެ ގިނަ ސިފައިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އަރުމޭނިއާގެ 550 އަށްވުރެ ގިނަ ސިފައިން މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ޔާﷲ މުސްލިމުންނަށް ކާމިޔާބުދެއްވާށި! އާމީން!

    23
  2. ބޮޑު ވަރު

    އަދި މަޑުކޮށްލާ ހަނގުރާމާގައި އިނދަޖެހެން ފެށުމުން ހުއްޓާލަން ރޯނެ ތި އަރުމީނިއާ އިން. އަރުމީނިއާގެ ފައިޓާ 2 ޖެޓުވެސް އޮންނާނީ ވައްޓާލާފަ އަޒަރުބައިޖާނުން....

    6
    1