އިރާނުގައި ހުންނަ އަޒަރުބައިޖާނުގެ އެމްބަސީއަށް މީހަކު ވަދެ ބަޑީގެ ހަމަލާއެއް ދީ މީހަކު މަރާލައިިފިއެވެ.

ހުކުރު ދުވަހު ދިން ހަމަލާގައި މީހަކު ވަނީ ބަޑިއެއް ހިފައިގެން ވަދެ ސެކިއުރިޓީ ކަންކަމާ ބެހޭ އެންމެ އިސް މިހާ މަރާލައިފައެވެ.

އެ ހާދިސާގައި އިތުރު ދެ ގާޑުން ވެސް ޒަހަމްވިއެވެ.

ހަމަލާއާ ގުޅިގެން އަޒަރުބައިޖާނުގެ ސަރުކާރުން އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލަ އަވަހަށް ބަލައި ފިޔަވަޅު އަޅަން ވެސް ވަނީ ގޮވާލައިފައެވެ.

އަދި އެކަން ހިނގީ އިރާނުން އަޒަރުބައިޖާނާ ދެކޮޅަށް ހިންގާ ކެމްޕޭންތަކުގެ ސަބަބުން ކަމަށް ވެސް އެ ގައުމުން ބުނެއެވެ. އަދި އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކުރަން މީގެ ކުރިން ގޮވާލުމުން ވެސް އިރާނުން އަޅާނުލި ކަމަށް ބުނެފައި ވެއެވެ.

ހަމަލާ އިރާނުން ވެސް ކުށްވެރިކޮށްފައިވާ އިރު މިއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭކަމުގެ ހެއްކެއް ނެތް ކަމަށް އީރާނުން ބުނެއެވެ. އަދި ބޮޑަށް ބެލެވެނީ އަމިއްލަ މައްސަލައެއްގައި ދިން ހަމަލާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ ހަމަލާ ތުރުކީން ވެސް ކުށްވެރިކޮށްފައިވާ އިރު އަބަދުވަސް އަޒަރުބައިޖާނާއެކު އޮންނާނެކަމަށް ވަނީ ބުނެފަ އެވެ. އަޒަރުބައިޖަނަކީ ވެސް ތުރުކީއާ ވަރަށް އެއްވައްތަރު ބަހަކުން ވާހަކަ ދައްކާ ގައުމެކެވެ.

އެމްބަސީގައި ހަމަލާ ދިން އިރު، ފަހަކަށް އައިސް އަޒަރުބައިޖާނާއި އިރާނާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަޒަރުބައިޖާނާ އިސްރާއިލާ ވަރަށް ގުޅުން އޮންނައިރު އިރާނުން އެ ގުޅުމާމެދު ބަލަނީ ޝައްކުގެ ނަޒަރުންނެވެ.