އިރާނުގައި ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރު ކުރި ފަހުން ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި މަހުސާ އަމީނީގެ މަރު ރިޕޯޓް ކުރި އިރާނުގެ ދެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

އެ ދެ ނޫސްވެރިން ހައްޔަރުކޮށްފައި ތިބޭތާ މިހާރު 300 އެއްހާ ދުވަސް ވަނީ ވެފައެވެ.

އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ކެމްޕޭން ފެށީ އެ ދެ ނޫސްވެރިންގެ ފިރިންނެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ކެމްޕޭންގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ދެ ނޫސްވެރިންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހެން ބޭއްވިތާ ދުވަސްތަކެއް ވެފައިވާ އިރު މި ހަފްތާގައި ދެވަނަ އަޑުއެހުން ބާއްވާނެއެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޕްރޮޕެގެންޑާ ފެތުރުމާއި އަދި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިން ކަމުގެ ދައުވާއެވެ.

އެ ދެ މީހުންގެ ޝަރީއަތުގެ ފަނޑިޔާރަކީ އަބުލް ގާސިލް ސަލަވާތީއެވެ. ސަލަވާތީ އަކީ މަރުގެ ހުކުމް އިއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އިރާނުގެ ފަނޑިޔާރެެކެވެ.

އެ ދެ ނޫސްވެރިންނަށް ވަނީ މި އަހަރުގެ ޔުނެސްކޯ ޕްރެސް ފްރީޑަމްގެ އެވޯޑްވެސް ލިބިފައެވެ.

މަހުސާ މަރުވީ އޭނާ ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސްފައެވެ.

އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. ސަރުކާރުން ބުނާ ގޮތުގައި މަހުސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަހުސާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވާނެ ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަހުސާގެ މަރާ ގުޅިގެން އިރާނުގައި މިއިން ޒަމާނަކުވެސް ނުދެކޭ ވަރުގެ މުޒާހަރާތަކެއް ކުރިއަށް ދިޔައެވެ. އަދި އެ މުޒާހަރާތަކާއެކު އިރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ފެށި އެ މުޒާހާރާ ފަހުން ވަނީ މަޑުޖެހި އެއްކޮށްހެން ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިޔާޒު

    ތިއީ ސީއައިއޭ ޕަޕެޓުން ގައުމު ހަލާކު ކުރަން އިނގިރޭސިން ފޮނު އައްނި ގްރޫޕް ދޫ ކުރާނެ ކަމެއްނެތް އެމެރިކާއިން ޖޫލިއަސް އަސާންޖް އަށް ހަދާ ހުރިހާ ގޮތެއް ތި މީހުންނަށް ހަދަން ފެނޭ

    2
    0