• އެމެރިކާގައި އަނިޔާވެރި ގޮތަކަށް މަރާލި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ފުލުހުންގެ ތެރެއިން ކަފާލާތުގެ ދަށުން ދޫކުރި ޑެރެކް ޗައުވިން އަށް އެހެން ސްޓޭޓެއްގައި ދިރިއުޅުމުގެ ހުއްދަ ދީފިއެވެ.

އޭނާއަށް އެހެން ސްޓޭޓެއްގައި ދިރިއުޅުމުގެ ހުއްދަ ދީފައިވަނީ ފްލޮއިޑް މަރާލުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑީއޯއެއް މީސްމީޑީއާގައި ދައުރުވެ ގިނަ ބަޔަކަށް އޭނާ އެނގިފައިވާތީ، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ކަފާލާތުގެ ދަށުން އޭނާ 1 މިލިއަން ޑޯލަރު ދައްކައިގެން ޖަލުން ނިކުމެފައިވަނީ ބުދަ ދުވަހުއެވެ.

އެހެން ސްޓޭޓަކަށް ބަދަލުވި ނަމަވެސް އަޑު އެހުން އޮންނަ ދުވަސްތަކުގައި ކޯޓަށް ހާޒިރުވުމަށާއި ކޮންމެ ގަޑިއަކުވެސް ފޯނު އަތުގައި އޮންނަން ޖެހޭނެ ކަމަށް ވަނީ ޝަރުތު ކޮށްފައެވެ. އަދި ޕާސްޕޯޓާއި އޭގެ ކޮޕީތައްވެސް ކަމާއި ބެހޭ އިދާރާތަކަށް ހަވާލު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޑެރެކް ޗައުވިން، ތޯމަސް ލޭން، އެލެކްސެންޑްރާ ޔުއެން އަދި ޓައު ތާއުގެ މައްޗަށެވެ. މީގެ ތެރެއިން ޑެރެކް އަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވެ، އެކަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޖޯޖްގެ މަރާއި ގުޅިގެން މި ހަތަރު މީހުންގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ގާޒީ ވަނީ އެމީހުންގެ އަޑު އެހުންތައް ވަކި ވަކިން ބޭއްވޭނެ ގޮތަކަށް އެދިފައެވެ.

ކޯޓުގެ ޝެޑިއުލް ބުނާ ގޮތުން ޑެރެކްގެ އަޑު އެހުމެއް ތާވަލު ކޮށްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ދެން ތިބި ފުލުހުންގެ އަޑު އެހުން އޮންނަ ދުވަހެއް ސީދާ ކަނޑައަޅާފައެއް ނުވެއެވެ.