ރޭޕްގެ މައްސަލަތައް އިތުރުވުން ހުއްޓުވުމަށް ބަންގްލަދޭޝްގައި ރޭޕްކުރާ މީހުން މަރަން އެޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބަންގްލަދޭޝް ސަރުކާރުން މިގޮތަށް ނިންމީ އެޤައުމުގައި ރޭޕް ކުރުމާއި ދެކޮޅަށް ރައްޔިތުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައި އެވެ. ބަންގްލަދޭޝްގައި މިއަހަރުގެ މިހާތަނަށް 1،000 އަށްވުރެ ގިނަ ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.

މީސްމީޑިޔާއާއި މަގުމަތީގައި ގިނަ ބަޔަކު ރޭޕްކުރުމާއި ދެކޮޅަށް އަޑުއުފުލަމުންދާ މި ދަނޑިވަޅުގައި އެޤައުމުގެ ވަޒީރުންގެ މަޖިލީހުން ވަނީ ރޭޕް ކުރާ މީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަބެއްގެ ގޮތުން އެފަދަ މީހުން މަރަން ފާސްކޮށްފައެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުން ޗެއާ ކުރެއްވީ ބޮޑުވަޒީރު ޝެއިޙް ހަސީނާ އެވެ.

ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުން ރައީސް އަބްދުލް ހާމިދު ތަސްދީގު ކުރައްވަން ޖެހޭ މާއްދާ، މާދަމާ ތަސްދީގު ކުރައްވާނެ ކަމަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ޚަންދަކަރް އަންވަރުލް އިސްލާމް ވިދާޅުވިއެވެ.

މިހާރު އެޤައުމުގެ ޤާނޫނު އޮންނަ ގޮތުން ރޭޕް ކުރާ މީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވުމެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބަންގްލަދޭޝްގައި ކުރަމުންދާ އެއްވުންތަކުގައި ބުނަމުން ދަނީ އެޤައުމުގައި ރޭޕްގެ މައްސަލަތައް ވަރަށް އިތުރުވެފައިވާ ކަމަށެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް ރޭޕްގެ މައްސަލަތަކުގައި 41 މީހުންނަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބަންގްލަދޭޝްގައި ރޭޕާއި ދެކޮޅަށް އެއްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އެޤައުމުގައި ދާދިފަހުން އަންހެނަކު އައުރަނިވާކޮށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވެފައި ވަނިކޮށެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައި ވަނީ ވީޑިއޯއިން ފެނިގެންދާ ކުއްޖާއަށް ރޭޕިސްޓުން އެތައް ފަހަރެއްގެ މަތިން ރޭޕްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ ލެއި

    ވަރައް ރަނގަޅު ނިންމުމެއް

    27
    1
  2. ޚަބަރު

    ރާއްޖޭގައި ރޭޕް ކުރާމީހުން ދޫކޮށްލާން ނިންމައިފި

  3. ހަލޯ

    ރާއްޖޭގަވެސް މި ގޮތަށް ނިންމާނަމަ ކޮންފަދަ. އޭރަށް ބިރުން ވެސް ރޭޕް ކުރާކަށް ނުކެރޭނެ އެންނު.

    4
    1