މެކްސިކޯގެ ރަލްތެނަންގޯގެ މަގުމަތިން ޕިއްޒާ ފޮއްޓަކަށްލާފައި އޮތް ކުއްޖަކު ފެނިއްޖެއެވެ. އުފަންވިތާ ހަފްތާއެއް ވެފައިވާ ކުއްޖާ އޮތީ ރަޖާއަކަށް ލާފައި ކަމަށް އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ބުނެފައެވެ. މިހާރު އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕިއްޒާ ފޮއްޓަކަށްލާފައި މަގުމަތީގައި އޮތް ކުއްޖާއާ އެކު ލިއުމެއް ވާއިރު އޭގައި އޮތީ "އަހަރެންގެ މާމަ ދަރިފުޅަށް އަޅާލާތި، އަހަރެންގެ ދަރިފުޅު ވިހެއުމުގައި ވަނީ މަރުވެފައި އަދި އަހަރެންގެ ގައިގައި ނެތް ކުއްޖާ ބެލޭނެ ތަނަވަސްކަމެއް. އަހަރެންގެ އުންމީދަކީ ކުއްޖާއަށް ބާއްޖަވެރި ދިރިއުޅުމެއް ލެއްވުން." މިހެންނެވެ.

އެޖެންސީ އިން ވަނީ ކުއްޖާއާ އެކު އޮތް ލިއުން އެ އެޖެންސީގެ ފޭސްބުކް ޕޭޖަށް މިމަހުގެ 8 ގައި ލައިފައެވެ. އެ ފޮޓޯ މީސްމީޑިޔާގައި ހަލުވިކަމާއި އެކީ ދައުރުވަމުންދާއިރު އެޖެންސީން ބުނީ ކުއްޖާ އެޑޮޕްޓު ކުރުމަށް ބޭނުންވެގެން ބައެއް ފަރާތްތަކުން މެސެޖް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އެ އެޖެންސީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ބުނެފައެވެ.

ރަލްތެނަންގޯ ސިޓީގެ މޭޔަރު މިގުއެލް އެންޖަލް ވަރެލޯ ބުނީ އޭނާ ތުއްތު ކުއްޖާގެ ހުރިހާ ޚަރަދެއް ބަލަހައްޓާނެ ކަމަށާއި ކުއްޖާގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. އޭނާ ވަނީ ކުއްޖާގެ މަންމައަށް ތައުޒިޔާ ކިއައި ކުއްޖާގެ މާމަގެ ފާފަ ފުއްސެވުމަށް ދުއާ ވެސް ކޮށްފައެވެ. އޭނާ ކުރި އެހެން ޕޯސްޓެއްގައި ވަނީ ކުއްޖާއަށް އެންޖެލް ގެބްރިއެލްގެ ނަން ދީފައިވާކަމަށް ބުނެފައެވެ.