މައްކާގެ ހަރަމްފުޅުގައި މަސައްކަތެއް ކުރުމަށް ބޭނުން ކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފިއެވެ.

ސައުދީގެ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ކެރޭނު ފުރޮޅާލައިފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ.

ކެރޭނު ފުރޮޅާލުމުގެ ސަބަބުން ކެރޭންގެ ޑްރައިވަރަށް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފައި ވާއިރު ކެރޭނު ފުރޮޅާލި ސަރަހައްދަކީ ނަމާދު ކުރާ މީހުންނާއި އުމްރާވެރިން ހަރަކާތްތެރިވާ ސަރަހައްދެއް ނޫން ކަމަށް ސައުދީން ބުނެއެވެ.

ކްރޭން ފުރޮޅާލި ސަރަޙައްދަކީ އަޅުކަން ކުރުމަށް މިސްކިތަށް ދާ މީހުންނަށް ބަންދު ކޮށްފައިވާ ސަރަޙައްދެކެވެ.

މި ހާދިސާ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ސައުދީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ކެރޭން ފުރޮޅާލަން މެދުވެރިވި ސަބަބު އަދި ނޭގުނު ނަމަވެސް މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވެސް ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތަށް ހަރަމްފުޅު ވަށައިގެން ބަހައްޓާފައި ހުރި ކެރޭންތަކުގެ ތެރެއިން ކެރޭނެއްގެ ބައެއް ވެއްޓި ހައްޖުވެރިންގެ 114 މީހުން ނިޔާވެފައިވާއިރު 394 މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.

2015 ވަނަ އަހަރު ހިނގި ހާދިސާ ތަހުގީގް ކުރަމުންދިޔަ ސައުދީ އަރަބިއާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން އިން ނެރުނު ތަހުގީގް ރިޕޯޓް ބުނާ ގޮތުގައި މި ހާދިސާ ހިނގުމުގައި ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޓެކްނިކަލް އިންޖިނިއަރުންގެ އިހުމާލު އޮތްކަން ވަނީ ހާމަ ވެފަ އެވެ. އެހެން ނަމަވެސް މަސައްކަތް ކުރަމުންދިޔަ ސައުދީ ބިންލާދިން ގްރޫޕުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އެފަހަރު ކެރޭންގެ އެއްބައި ވެއްޓުނީ ގަދަވަޔާއި ބޯ ވާރޭގެ ސަބަބުންނެވެ. ފާއިތުވެދިޔަ ޒަމާންތަކުގައި ފެންބޮޑުވުމާއި، ފިތިގެން ހައްޖުވެރިން މަރުވުމާއި، އަލިފާނުގެ ހާދިސާތައްވެސް ހަރަމްފުޅުގައި ހިނގާފައިވެ އެވެ.