ތައިލޭންޑުގައި ރަސްގެފާނުން ވެރިކަން ހިންގަމުން އަންނަތާ އެތައް ޒަމާނެއް ވެފައި ވާއިރު، އެ ގައުމުގައި ސަރުކާރަކާއި ގާނޫނު ހަދާ މަޖިލީހެއްގެ އިތުރުން ބޮޑުވަޒީރެއްވެސް އައްޔަން ކޮށްފައި ވަނީ ވަރަށް ފަހުންނެވެ. މި ހުރިހާ މަގާމު ތަކަކީވެސް އެ ގައުމުގެ ރަސްގެފާނުގެ ސީދާ ނުފޫޒު އޮންނަ މަގާމުތަކެކެވެ.

ތައިލެންޑުގެ ގާނޫނު އޮންނަ ގޮތުން ރަސްގެފާނަށް ބަދު ބަހެއް ބުނުމަކީވެސް ކުށެެކެވެ. ނަމަވެސް، އެ ގައުމުގެ ބޮޑު ވަޒީރަކަށް ހުރި ފަރާތް މަގާމުން ދުރުކޮށް، ރަސްގެފާނުގެ ނުފޫޒު ކުޑަ ކުރުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ބެންކޮކްގައި ފެށި މުޒާހަރާތަކުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި ގިނަ ބަޔަކު ދަނީ ރަސްގެފާނަށް ފާޑު ކިޔަމުންނެވެ. މިއީ އެ ގައުމުން ފެންނަ އާ މަންޒަރެކޭ ބުނެވިދާނެއެވެ.

ބޮޑުވަޒީރު އަދިވެސް މަގާމުން ދުރުވެފައި ނުވާއިރު، ގައުމުގެ ރަސްގެފާނު ގިނައިން ދިރިއުޅުއްވަނީ ތައިލެންޑުގެ ބަދަލުގައި ޖަރުމަނުގެ ވެރިރަށް ބާލިންގައެވެ. ރަސްގެފާނުގެ ފިރިހެން ދަރިކަލުން ސްކޫލަށްވެސް ދަނީ ޖަރުމަނުގައިކަން ފާހަގަކޮށްލެވެއެވެ.

ޖަރުމަނުން ގައުމު ނުހިންގަން ތައިލެންޑުގެ ރަސްގެފާނަށް މިހާރު ޖަރުމަނުން އަންގާފައި ވާއިރު، ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ ރަސްގެފާނުގެ ތައިލެންޑުގެ ރަހުމަތްތެރިންނާއި ބައިނަލްއަގްވާމީ ދުނިޔޭގެ ރައްޓެހިންވެސް ގެއްލެމުންދާ ކަމަށާއި މި ފެންނަނީ އޭގެ ނިޝާންތައް ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމުގައި މުޒާހަރާކުރުން މަނާ ކޮށްފައި ވީ ނަމަވެސް، މިއަދުވެސް އެތައް ހާސް ބަޔަކު ދަނީ ބެންކޮކުގެ އެކި ހިސާބުތަކަށް އެއްވެ، ބޮޑު ވަޒީރުގެ އިސްތިއުފާ އަށް ގޮވާލައި ރަސްގެފާނަށް ފާޑު ކިޔަމުންނެވެ.

ރަސްގެފާނާއި ދެކޮޅަށް އޮންލައިން ކޮށް އެ ގައުމުގައި ފެށި ޕެޓިޝަނަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމުން އިއްޔެ ”ޗޭންގް.އޯގް“ ވެބްސައިޓް ވަނީ އެ ގައުމުން ބްލޮކް ކޮށްލާފައެވެ. ޕެޓިޝަންތަކަށް މަޝްހޫރު އެ ސައިޓް ބްލޮކް ކޮށްލި މަދު ވަގުތުކޮޅެއްގެ ތެރޭ 2 ލައްކަ އާއި ގާތް ކުރާ އަދަދަކަށް މީހުން އެ ޕެޓިޝަނުގައި ސޮއި ކުރިކަން ފާހަގަކޮށްލެވެއެވެ.

އިއްޔެގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފައި ވާއިރު، މިއަދު މުޒާހަރާގެ ބައިވެރިން ނިކުމެފައި ވަނީ ފުލުހުންނާއި ކުރިމަތިލާން ހެލްމެޓް ފަދަ ތަކެއްޗާއި ވެސް އެކުގައެވެ.