ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އިންތިހާއަށް ގޯސްވެ، ފްރާންސްގައި ކާފިއު ހިންގަން ނިންމައިފިއެވެ.
ފްރާންސްގައި ކާފިއު އިއުލާނުކޮށްފައި ވަނީ ބަލީގެ ހާލަތު އެންމެ ގޯސް ސަރަޙައްދުތަކުގައެވެ. މިގޮތުން ވެރިކަންކުރާ ޕެރިސްގެ އިތުރުން އިތުރު އަށް މައި ސިޓީގައި ކާފިއު ވަނީ އިއުލާނުކޮށްފައެވެ. މި ސަރަޙައްދުތަކުގައި ފްރާންސްގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 20 މިލިއަނެއްހައި މީހުން ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ކާފިއު އިއުލާނުކޮށްފައިވާ ސަރަޙައްދުތަކުގައި ކާފިއު ހިންގުމަށް ނިންމާފައިވަނީ ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށެވެ. މި ކާފިއު ހިންގަން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ.
ކާފިއުގެ ވަގުތުތަކުގައި ޚާއްސަ ހާލަތެއް މެދުވެރިވެގެން ބޭރަށް ދާ ނަމަ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ފްރާންސްގެ އިދާރާތަކުން ބުނެއެވެ. މިގޮތުގެ މަތީން އަމަލު ނުކޮށް ޤަވާއިދާ ޚިލާފުވާ މީހުން 160 އެމެރިކާ ޑޮލަރާއި 4400 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
ފްރާންސްގައި ކާފިއު އިއުލާނުކޮށްފައިވާ ސަރަޙައްދުތަކުގައި އުސޫލުތައް ތަންފީޒު ކުރުމަށް 12000 އަށްވުރެ ގިނަ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އިދާރާތަކުން ބުނާގޮތުން މި ކާފިއު ކުރިޔަށް އޮތް މަހެއްހައި ދުވަހެއް ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ކާފިއު އިއުލާނު ކުރުމާއި ގުޅިގެން ފްރާންސްގެ ގިނަ ބަޔަކު ނުރުހުންވެސް ފާޅުކުރަމުން ދާއިރު، އެފަރާތްތަކުން ބުނެފައިވަނީ ކާފިއު ހިންގާ ވަގުތުތަކުގެ ސަބަބުން ކޮވިޑް-19 ގެ ހާލަތަށް މާބޮޑު އަސަރެއް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ފްރާންސްގެ ހަލަތު ދުވަހެއް ދުވަހަކަށް ގޯސްވެ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އިއްޔެވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން 32,427 ވަނީ މި ބަލި ޖެހިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފްރާންސުން މިހާތަނަށް ޖުމްލަ 867000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 33,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން ދިހަ ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.
އަދިވެސް ރސއވ އަށް ފުރައްސާރަ ކުރެވޭތޯބަލާ