ފްރާންސްގައި މިހާރު ހަމަ ނުޖެހުން ހިނގަމުން އަންނާތީ އެގައުމުގައި ސަރުކާރުން ސެކިއުރިޓީ ލެވެލް އެންމެ މަތި ކޮށްފައިވާ ކަމަށް ބޮޑުވަޒީރު ޖީން ކަސްޓެކްސް ވިދާޅުވެއްޖެއެވެ.

އެގައުމުގައި ބޭއްވި ބައްދަލުވުމެއްގައި ޖީން ވަނީ މިހާރު ހިނގަމުން އަންނަ ހަމަ ނުޖެހުން އެގައުމުގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެކަންކަން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ހަމަ ނުޖެހުން ހުއްޓުވުމުގެ ގޮތުން ހަމަލާތައް ދީފައިވާ ސަރަހައްދުގެ ބައެއް މަގުތައް ވަނީ ބަންދު ކޮށްފައެވެ. އަދި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

ފްރާންސްގައި މިހާރު ހިނގަމުން އަންނަ ހަމަ ނުޖެހުމަކީ އެގައުމުގެ ރައީސް، އެމަނުއެލް މެކްރޮން މިމަހުގެ ކުރީ ކޮޅު އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ބުނެ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާފައިވާތީ ހިނގަމުން އަންނަ ހަމަ ނުޖެހުމެއް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގޮތުން އޭނާ ވަނީ އެގައުމުގައި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ކަރު ބުރި ކޮށްލާފައިވަނީ މުސްލިމުން ކަމަށް ވިދާޅުވެފައެވެ. މި މައްސަލައާއި ގުޅިގެން ގިނަ މުސްލިމް ގައުމުތަކުން އަންނަނީ ފްރާންސްއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ފްރާންސްއަށް މިއަދު ދިން ހަމަލާގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އަންހެނަކާއި ފިރިހެނަކު މަރާލާފައިވަނީ ކަރު ބުރިކޮށްގެން ކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.