އިނގިރޭސިވިލާތުގެ ސީރިއަލް ކިލާއެއް ކަމަށްވާ ޔޯކްޝާ ރިޕާ ނުވަތަ ޕީޓާ ސަޓްކްލިފް ކޮވިޑް-19 ޖެހިގެން ފުއްޕާމޭ ފެއިލްވެ އެންމެ ފަހުން މަރުވެއްޖެއެވެ. ޕީޓާ މަރުވީ އެކިފަހަރު މަތިން 13 އަންހެނަކު މަރާލިކަމުގެ ކުށް ސާބިތުވެގެން އޭނާ ޙުކުމް ތަންފީޒުކުރާ ޖަލުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލަކަށް ބަދަލު ކުރި ފަހުންނެވެ.

ކޮވިޑް-19 އަށް ފައްސިވުމުން ޕީޓާ ހޮސްޕިޓަލަށް ބަދަލުކުރި ނަމަވެސް އޭނާ ވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަން ދެކޮޅު ހަދާފައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެހެންކަމުން އޭނާ މަރުވެގެން ދިޔައީ ކޮވިޑް-19 އަށް އެއްވެސް ފަރުވާއެއް ނުދެވިއެވެ.

ޕީޓާ އަންހެނުންތަކެއް މަރާފައި ވަނީ 1970ގެ އަހަރުތަކާއި 1980ގެ އަހަރުތަކާއި ދެމެދުއެވެ. ޕީޓާގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން އެކިފަހަރު މަތިން އަންހެނުންނަށް ހަމަލާދީ އެމީހުން މެރިކަމަށް ޕީޓާ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވީ 1981 ވަނަ އަހަރު މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ވަނީ އިތުރު 09 އަންހެނަކު މަރާލަން ވެސް މަސައްކަތް ކޮށްފައެވެ. ޕީޓާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ 20 ޙުކުމް އިއްވާފައެވެ.

ޕީޓާ ކޮވިޑް-19 އަށް ފައްސިވީ އޭނާ އަށް ކޮވިޑް-19 ޖެހިދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ. ކޮވިޑް-19 ޖެހިދާނެތީ އޭނާ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ މިއަހަރުގެ މާޗް މަސް ތެރޭގައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޕީޓާ ވަނީ އޭނާގެ ގޮޅީގައި ވަރަށް ބޮޑަށް އެކަހެރިވެސް ވެފައެވެ. އަދި ޖަލަށް އޭނާ އާއި ބައްދަލުކުރަން އަންނަ މީހުންނާއި ބައްދަލު ކުރުން ވެސް ހުއްޓާލިއެވެ.

ޕީޓާ މަރުވުމުން އޭނާގެ އަތްދަށުވެ ނަމަވެސް މަރުން ސަލާމަތްވި ބައެއް މީހުން އަންނަނީ ހިތްހަމަޖެހުން ފާޅުކުރަމުންނެވެ. އަދި ޕީޓާގެ އަތްދަށުވެ މަރުވި މީހުންގެ އާއިލާތަކުން ވެސް ވަނީ ޕީޓާ މަރުވެގެން ދިއުން އެއީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޔާމް

    "އަދި ޕީޓާގެ އަތްދަށުވެ މަރުވި މީހުންގެ އާއިލާތަކުން ވެސް ވަނީ ޕީޓާ މަރުވެގެން ދިއުން އެއީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބުނެފައެވެ." މަރަށް މަރު ހިފުމުގައި ވަނީ ދިރުން. އުމުރު ދުވަހުގެ ޖަލު ހުކުމަކުން ނޫން މަރާލި މީހުންގެ އާއިލާތަކުން މި އުފާ ކުރީ. އޭނާގެ މަރުގެ ޙަބަރުން. މަރަށް މަރު.