ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އިންޑިއާގައި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ ކަމަށާއި، މިދިޔަ 24 ގަޑިއިރު ތެރޭ ފައްސިވެފައިވަނީ 29،163 މީހުން ކަމަށެވެ. މިއީ މިދިޔަ ޖުލައި ގެ މެދުތެރެއަށް ފަހު އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އެންމެ ދަށްވި ފަހަރު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، ގިނަ ސިޓީތަކުގައި ބަލި ފެތުރޭ މިންވަރު ދަށްވި ނަމަވެސް، އެގައުމުގެ ވެރިރަށް ދިއްލީގައި ވަނީ ބަލީގެ ތިން ވަނަ ރާޅެއް އަރާފައެެވެ.

އިންޑިއާގައި މިހާތަނަށް އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 97،859 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އިންސައްތަ ވަނީ ދަށްވެފައެވެ.

އިންޑިއާގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވި ނަމަވެސް، ސިއްހީ މާހިރުންނާއި ގުޅިގެން އެގައުމުގެ ސަރުކާރުން އަންނަނީ ހޮސްޕިޓަލް ތަކުގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން އިތުރު އެނދުތަކާއި އައިސީޔޫތައް ގާއިމު ކުރަމުންނެވެ. އަދި ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އިންޑިއާގައި މިހާތަނަށް 8،886،987 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އޭގެ ތެރެއިން 8،303،358 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 130،670 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި މިހާރު 452،959 މީހަކަށް ފަރުވާ ދެމުން އަންނައިރު، 8،944 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު