އެމެރިކާގެ މޮޑާނާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އެމަޖެންސީ ހާލަތުގައި އާއްމުންނަށް ދިނުމުގެ ހުއްދައަށް އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ހުށަހަޅައިފިއެވެ.

މޮޑާނާ އިން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނީ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް ނިންމައި މިއަދު ނަތީޖާތައް ލިބުމުންނެވެ. މިއަދު ލިބުނު ނަތީޖާތައް ދައްކާ ގޮތުގައި ވެކްސިން ދީފައިވާ މީހުންގެ ތެރެއިން %94.1 މީހުން ކޮވިޑް-19 އިން ރައްކާތެރި ވެއެވެ. އަދި މިހާތަނަށް ވެކްސިން ދިން އެއްވެސް މީހަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމައެއް ނުވެއެވެ.

މޮޑާނާ އިން އުއްމީދު ކުރަނީ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އޮންނަ އެފްޑީއޭ ވެކްސިންސް އެންޑް ރިލޭޓެޑް ބައެލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމުގައި މޮޑާނާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އޮންނަ އެފްޑީއޭގެ ބައްދަލު ވުމުގައި ފައިޒާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ.

މޮޑާނާ ވެކްސިން ތަހްލީލް ކުރުމަށް ކުރިއަށް ގެންދާ ތިންވަނަ މަރުހަލާގެ ތަހްލީލްތަކުގައި 30000 މީހުން ބައިވެރިވެއެވެ. އޭގެ ތެރެއިން ކޮވިޑް-19 ވެކްސިން ދިނީ 15000 މީހުންނަށެވެ. ތަހްލީލްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 196 މީހުންނަށެވެ. އޭގެ ތެރެއިން 11 މީހުންނަކީ ވެކްސިން ދީފައި ތިބި މީހުންނެވެ. ތަހްލީލްގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގްރޫޕްގެ 30 މީހެއްގެ ހާލު ސީރިއަސް ވިއެވެ. ނަމަވެސް އެއެންމެންނަކީ ވެސް އަސްލު ވެކްސިންގެ ބަދަލުގައި ހުސް ފެންފޮދެއް ދީފައި ތިބި މީހުންނެވެ.

ވެކްސިންގެ ތަހްލީލްގައި ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިން ދޭއިރު ދެން ތިބި މީހުންނަށް ދެނީ ހުސްފެން ފޮދެކެވެ. އޭގެތެރެއިން އަސްލު ވެކްސިން ދިނީ ކޮންބަޔަކަށް ކަމެއް އެކަކަށް ވެސް ނާންގައެވެ.

ކޮވިޑް-19 ފެތުރެން ފެށިތާ އަހަރެއް ވާން ކައިރިވެފައި ވާއިރު މިހާރު ޗައިނާގެ ސިނޮވެކް އިން ވެސް ވަނީ ކޮވިޑް-19 ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި ޗައިނާގެ ރަސްމީ އިދާރާއަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު