ސިއްޙީ ހާލުކޮޅު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އައްބާސް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ، ފުއްޕާމޭގެ އިންފެކްޝަނެއްގެ ސަބަބުން ހާލުކޮޅު ދެރަވެ، އަށް ދުވަހުގެ މުއްދަތަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދުގެ ވަގުތެއްގައެވެ.

އުމުރުފުޅުން 82 އަހަރުގެ އައްބާސް މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މިހާރު އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ރަނގަޅު ކަމަށް ހޮސްޕިޓަލުުގެ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

ސިއްޙީ ހާލުކޮޅު ދެރަވެގެން މިއަހަރުގެ ކުރީކޮޅުގައި ވެސް އައްބާސް ހޮސްޕިޓަލުުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ.

އައްބާސްގެ ހާލުކޮޅު އެންމެ ފަހުން ދެރަވެގެން އެޑްމިޓްކޮށްފައި ވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ބިމުގައި އެޤައުމުުގެ އެތައް ބަޔަކު ޝަހީދުކޮށް ބޮޑު ޤަތުލުޢާންމެއް ހިންގަމުންދިޔަ ދަނޑިވަޅެއްގައެވެ.

ހާލުކޮޅު ގޯސްވުމުގެ ސަބަބުން އައްބާސް ތުރުކީން އިސްނަގައިގެން ބޭއްވި އޯއައިސީ ސަމިޓްގައި ވެސް ބައިވެވަޑައިގެންފައި ނުވެއެވެ. މިއީ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ތިން ވަނަ ފަހަރު ކަމަށް ޚަބަރުތައް ބުނެއެވެ.

އައްބާސްގެ ރައީސް ކަމުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހާމާސް ޖަމާއަތާއި އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަތަހަ ޖަމާއަތާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. ނަމަވެސް އިސްރާއިލްގެ ޔަހޫދީންގެ ދުއްތުރާތައް ބޮޑުވެ ފަލަސްތީނުގެ ބިންތަކަށް ވެރިވާން ފަށައި ހަމަނުޖެހުން ހިންގާން ފެށުމުން މި ދެ ޖަމާޢަތްވެސް ވަނީ ޤައުމުގެ މިނިވަންކަމަށް އެކުގައި ނިކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    މިސޮރުވެސް އަރަފާތު ދިޔަ މަގުން ދާން ކައިރިވަނީ، މޮސާދުގެ އެޖެންޑާގައި އަދި އޮތީ ރީދޫ ކުލައިން، ރަތްކުލަޔަށް ބަދަލުވުމާއެކު ދެން ހޮސްޕިޓަލަކުން ފަރުވާޔެއް ނުލިބޭނެ!