ސްރީ ލަންކާގެ މުސްލިމު މުޖުތަމައު އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ގައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ގައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމެންސިންހެ ގޮވާލައްވައިފިއެވެ.

ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ ކަމަށެވެ. މި ގޮތުން ކޮންކްރީޓް ވަޅުތަކެއްގައި މުސްލިމު މައްޔިތުން ވަޅުލުމުގައި ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން މުސްލިމު މުޖުތަމައުގެ ބަސް ހޯދަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ރަނިލްގެ ފަރާތުން މި ގޮތަށް ގޮވާލައްވައި ބަޔާނެއް ނެރުއްވާފައި މި ވަނީ ކޮވިޑް-19 ގެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާލަން އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން އިސްލާމް ދީނުގައިވާ ގޮތާ ހިލާފަށް މައްޔިތުން އަންދަން ޖެހުމުން މުސްލިމު މުޖުތަަމައުގެ ކަންބޮޑުވުން އިތުރުވިއެވެ. ލަންކާގެ ސަރުކާރުން ދެން ނިންމީ ކޮންކްރީޓް ވަޅެއްގައި ވަޅުލުމަށް ފަހު ބިމުގައި ވަޅުލާ ގޮތަށް ހަމަޖެއްސުމަށެވެ.

ރަނިލްގެ ފަރާތުން ނެރުނު ބަޔާނުގައި އިތުރަށް ވަނީ މުސްލިމުންގެ އިތުރުން ކްރިސްޓިއަނުން ވެސް އެ މީހުންގެ ދީނުގެ މީހުން މަރުވުމުން އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލަކީ ވަޅުލުން ކަމަށާއި އެ ދީނެއްގެ ބަޔަކަށް އެ ދީނެއްގައި އޮންނަ ގޮތެއްގެ މަތިން އެ ކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބުދިސްޓު ދީނުގެ ލީޑަރުންނާއި، މުސްލިމު ލީޑަރުންނާއި، ހިންދޫ ދީނުގެ ލީޑަރުންނާއި، ކްރިސްޓިއަން ދީނުގެ ލީޑަރުން ހިމެނޭ ގޮތަށް ހުރިހާ ދީނެއްގެ ލީޑަރުންނާއި އިލްމުވެރިންގެ މަޝްވަރާ ވީ އެންމެ ފުޅާ މިނެއްގައި ސަރުކާރުން ހޯދަން ޖެހޭނެ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.

"ޔޫއެންޕީއަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އިހުތިރާމުކޮށް، ގައުމުގައި ދީނީ އެއްބައިވަންތަކަން އޮންނަ ވަކާލާތު ކުރާ ސިޔާސީ ޕާޓީއެއް، ގައުމުގައި ކަންކަން ހިނގަން ޖެހޭނީ އެއްބައިވަންތަ އުސޫލެއް ތެރެއިން،" ރަނިލްގެ ބަޔާނުގައިވެއެވެ.

ލަންކާގައި އެ ގައުމުގެ މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ބައެއް އެހެން ގައުމުތަކުގައި ލަންކާގެ މުސްލިމުން ވަޅުލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ލަންކާގެ ސަރުކާރުން އެދިފައިވެއެވެ. މި ގޮތުން ދިވެހި ސަރުކާރުގައި ވެސް އެ ކަމަށް ލަންކާ ސަރުކާރުން އެދުނެވެ. އެ ކަމުގެ މަޝްވަރާ ވެސް ފަށާފައިވަނިކޮށް ލަންކާ ސަރުކާރުން އެ މަސައްކަތް ހުއްޓާލިއެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ރާއްޖޭގައި އެ ކަން ކުރަން ހިޔާލު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.