ކޮވިޑް-19 ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ބްރެޒިލުން އިއްޔެ ވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ބްރެޒިލުން ވަނީ 87,134 މީހުން ކޮވިޑް-19 އަށް ފައްސިވެ އިތުރު 1,455 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް ބްރެޒިލުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ ވެސް އިއްޔެ އެވެ.

ބްރެޒިލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 7.9 މިލިއަނަށް އަރާފައި ވާއިރު އޭގެ ތެރެއިން 200,498 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ބްރެޒިލްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތައް ފުރެމުން އަންނާތީ މިހާރު ބައެއް ސިޓީތަކުގެ ބޮޑެތި ފުޓްބޯޅަ ސްޓޭޑިއަމްތަކުގައި ގެންދަނީ ވަގުތީ ހޮސްޕިޓަލްތައް ހަދައިގެން ވެސް ބަލި މީހުންނަށް ފަރުވާ ދެމުންނެވެ.

ބްރެޒިލުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން އެގައުމުގައި ދިނުމަށް ތައްޔާރު ވަމުންނެވެ. ޗައިނާގެ ސިނޮވެކް ވެކްސިން މިހާރު އެގައުމަށް ގެންގޮސްފައި ވާއިރު ވަރަށް ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެއެވެ. އޮކްސްފޯޑްގެ ވެކްސިން އެމަޖެންސީ ހާލަތުގައި އާއްމުންނަށް ދިނުމުގެ ހާއްސަ ހުއްދައެއް ހޯދަން މިއަދު ބްރެޒިލްގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 209 މިލިއަން މީހުން ހިމެނޭ ބްރެޒިލްގައި ކޮވިޑް-19 ވެކްސިން ދޭން ފެށިނަމަވެސް އަދި ބަލި ކޮންޓްރޯލް ކުރަން ދެތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު