ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 463 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 463 މީހަކު މަރުވެ، އެ ބަލީގައި ޖުމްލަ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 140،704 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،314 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯ އިން އިތުރު 11،170 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1،641،428 އަށް އަރައިފައެވެ. މެކްސިކޯއިން މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 21،366އެވެ.

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1،223،108 މީހެކެވެ. މި ބައްޔަށް 277،616 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 5.174 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 95،488،091 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 68,196,088 ރަނގަޅުވެފައިވާއިރު 2,039,706 މީހަކު ވަނީ މަރުވެފައެވެ.