ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރު އެގައުމުން 1،820 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު، މިއީ މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވާ ދުވަހުއެވެ. މިއާއި އެކީ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 93،290 އަށް އަރާފައެވެ.
މީގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،610 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.
އެގައުމުން އިތުރު 38,905 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3,505,754 އަށް އަރާފައެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ އެގައުމުން ފައްސިވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.
އިނގިރޭސިވިލާތަކީ މިހާރު ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއްގައުމެވެ. އެގޮތުން ބަލާއިރު، ޖުމްލަ ހަތަރު މިލިއަން މީހުންނަށް އެގައުމުން ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ. އޭގެތެރެއިން ހަތަރު ލައްކަ މީހުންނަކީ ދެޑޯޒްގެ ވެކްސިން ދީފައިވާ މީހުންނެވެ.
އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1,558,503 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 1,853,961 މީހުންނަށް ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން 3,947 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.
ދެން އަދިވެސް މާމޮޅެތި ވެކުސީން އުފެއްދީމޭކިޔާ އުޅޭށެވެ.