ކޮވިޑް-19 އާ ގުޅިގެން ފްރާންސާއި ޗެކް ރިޕަބްލިކްގެ ބޯޑަރުތައް ބަންދުކޮށްފިއެވެ.

ފްރާންސްގެ ބޯޑަރުތައް ބަންދު ކުރީ ވިލާތުގެ އިއްތިހާދު ނޫން އެއްވެސް ގައުމެއްގެ ބަޔަކަށް އެތެރެ ނުވެވޭ ގޮތަށެވެ. އަދި ޗެކް ރިޕަބްލިކް ބަންދު ކުރީ އެއްވެސް ގައުމެއްގެ ބަޔަކަށް ޗެކް ރިޕަބްލިކަށް އެތެރެ ނުވެވޭ ގޮތަށެވެ.

ދެ ގައުމުގެ ބޯޑަރުތައް ބަންދު ކުރީ ކޮވިޑް-19 ހަލުވިކަމާ އެކީގައި ފެތުރެމުންދާތީ އާއި ކޮވިޑް-19 ގެ އާ ވައްތަރުތައް ފެތުރުން ހުއްޓުވުމަށެވެ. ފްރާންސްގެ ބޮޑުވަޒީރު ޖީން ކަސްޓެސް އިއުލާން ކުރެއްވި ގޮތުން މި ނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

ފްރާންސް ސަރުކާރުން ބާރު އަޅަނީ ޝޮޕިން ސެންޓަރުތައް ފަދަ ތަންތަން ވެސް ބަންދުކުރުމަށެވެ. އަދި ހުރިހާ އެންމެން ވެސް ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްތައް ކުރުމަށް ފްރާންސް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފައެވެ.

ފްރާންސް އިން މި ނިންމުން އައި ނަމަވެސް ކޮންޓެއިނާ އުފުލާ ބޮޑެތި ވެހިކަލްތަކަށް އެ ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އޮވެއެވެ.

ޗެކް ރިޕަބްލިކްގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ޗެކް ރިޕަބްލިކަށް އެއްވެސް ގައުމެއްގެ މީހަކަށް އެތެރެވުން މަނާވާނެ ކަމަށެވެ.

އެކަމަކު، ދެ ގައުމުން މިގޮތަށް ނިންމީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

އާބާދީގައި 10.6 މިލިއަން މީހުން ހިމެނޭ ޗެކް ރިޕަބްލިކްގައި މިހާތަނަށް 972،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 16،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ފްރާންސަކީ މިހާރު ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 75,620 މީހުން ވަނީ ބަލީގައި މަރުވެފައެވެ.