ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ދެކުނު ކޮރެއާއިން ނިންމައިފިއެވެ.

އެ ގައުމުން ބުނެފައިވަނީ ވެކްސިން އުމުރުން ދުވަސްވީ މީހުންގެ ގަޔަށް ނުޖެހުމަށް ނިންމާފައިވަނީ އެ ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ކުރާ ކަމުގެ އެދެވޭ ނަތީޖާ ފެނިފައި ނުވާތީ ކަމަށެވެ.

ދެކުނު ކޮރެއާއިން މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން އެގައުމުގެ 65 އަހަރުން މަތީގެ މީހުންނަށް ދިނުމާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެގައުމުގެ 1.3 މިލިއަން މީހުންނަށް ވެކްސިންދީ ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަދަދު މިވަގުތު 750،000 އަށް ވެއްޓިފައެވެ. އެގޮތަށް ވެއްޓިފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭނެ ޖަމްއިއްޔާއެއް ކަމަށްވާ ކޮވެކްސްއިން އެގައުމަށް ވެކްސިން ފޯރުކޮށްދިނުން ލަސްވުމާ ގުޅިގެންނެވެ.

އެގައުމުން ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް މީޑީއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާއިން ކޮވިޝީލްޑް ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ނިންމާފައިވާއިރު، ސްވިޑަން، ފްރާންސް އަދި ޕޮލޭންޑުން ވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ވެކްސިން ނުދިނުމަށް ނިންމައިފައެވެ. އަދި ސްޕެއިން އިން ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިން ވަގުތީ ގޮތުން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޗްއެޗްއޯ)އިން ހުއްދަ ދީފައިވާނީ ދާދި ފަހުންނެވެ.