ކޮވިޑް-19ގެ އިތުރު ތަހުލީލުތަކެއް ހެދުމަށް ވައިރަސް ހަށިގަނޑު ތެރެއަށް ފޮނުވާލަން ބޭނުންވާ މީހުން އިނގިރޭސިވިލާތުގައި ހޯދަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އަމިއްލަ އަށް އެދިގެން އަންނަ ފަރާތްތަކުގެ ގަޔަށް ވައިރަސް އިންފެކްޓް ކުރާނެ ކަމަށާއި އޭގެ ފަހުން ވެކްސިން ޓެސްޓް ކުރެވޭނެ ކަމަށެވެ. އެކަމަށް ކެރިގެން ކުރިމަތިލާ ސިއްޙަތު ރަނގަޅު ޒުވާނުންނަށް ބައިވެރިވެވޭ އިރު، އިނާމެއްގެ ގޮތުން 4،500 ޕައުންްޑް (95،971.84 ރުފިޔާ) ދޭގެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި ބައިވެރިން ތިބޭނީ 17 ދުވަހުގެ ކަރަންޓީނު މުއްދަތެއްގައި އިނގިރޭސިވިލާތުގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައެވެ.

ސިއްހަތު ރަނގަޅު މީހުންގެ ގަޔަށް ވައިރަސް އިންފެކްޓް ކުރަން ފެށުމާ އެކީ އެގައުމު ވެގެންދާނީ އެގޮތަށް ވެކްސިން ޓެސްޓް ކުރުމަށް ބަލި މީހުންގެ ގަޔަށް އިންފެކްޓް ކުރި ފުރަތަމަ ގައުމަށެވެ.

"ދަ ހިއުމަން ޗެލެންޖް" ގެ ނަމުގައި މި މަރުހަލާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގައި ކަމަށް އެގައުމުން ބުނެއެވެ.

މި ޓެސްޓްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ 18 އަހަރާއި 30 އަހަރާއި ދެމެދުގެ 90 މީހަކަށް ރައްކާތެރި މާހައުލެއްގައި ކޮވިޑް ވައިރަސް އިންފެކްޓް ކުރެވޭނެއެވެ.

މިޓެސްޓު ހެދުމަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިގަނޑަށް ވައިރަސް ފޮނުވާލާނީ ނޭފަތަށް ޖަހާ ސްޕްރޭއަކުން ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެފައި ވެއެވެ. އަދި ވައިރަސް ނޭފަތަށް ޖެހުމަށްފަހު ނޭވާލާ ނިޒާމުގެ ތެރެއަށް އެ ވައިރަސް ފޮނުވާލުމަށްޓަކައި އެމީހުން ބައިގަޑިއިރު ވަންދެން ބަންޑުން ބާއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ވެކްސިން ޓާސްކް ފޯހުގައި އިސްކޮށް ހަރަކާތްތެރިވާ ކްލީވް ޑިކްސް ބުނެފައިވަނީ މި ތަހުލީލުތަކުން ވައިރަސްއާއި ބެހޭ އިތުރު މައުލޫމާތު އެނގޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި ވައިރަސް އަށް ބޭނުންވާނީ ކޮންކަހަލަ ވެކްސިނެއްތޯ ވެސް އެނގިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.