އަވައްޓެރި ސްރީލަންކާގައި، ދެ ފުލުހަކު ވެގެން އަންހެނުންތަކެއް ގޭންގް ރޭޕްކުރި މައްސަލައެއްގެ ދަޢުވާ ސާބިތުވެ އެ ދެފުލުހުން ޖަލަށްލާން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގެ ޙުކުމް ކުރުން އިއްޔެ ކޮލަމްބޯ ހައިކޯޓުގައި އޮތްއިރު، ދެ ފުލުހުން ޖަލަށްލާން ޙުކުމް ކޮށްފައި ވަނީ ވިހި އަހަރާއި ހަމަސް ދުވަހުގެ މުއްދަތަކަށެވެ.

އެ ދެމީހުންގެ މައްޗަށް ވަނީ، ދެ އަންހެނަކާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި އެ ދެ އަންހެނުން ރޭޕްކުރި މައްސަލަ ސާބިތުވެފައެވެ. ބަމްބަލަޕިޓިޔާގައި 2003 ވަނަ އަހަރު ހިނގި މިހާދިސާ އާއި ގުޅިގެން ޖަލަށްލާން ޙުކުމް ކޮށްފައިވަނީ، އޭރު ފުލުހުންގެ ސަބް އިންސްޕެކްޓަރެއްގެ ގޮތުގައި ހުރި ފުލުހަކާއި އެސިސްޓެންޓެއްގެ މަޤާމުގައި ހުރި ފުލުހެކެވެ. މި ދެމީހުން މަސައްކަތް ކުރަމުންދިޔައީ ސަޕުގަސްކަނޑަ ޕޮލިސް ސްޓޭޝަންގައެވެ.

މި ދެމީހުން ޖަލަށްލާން ޙުކުމްކޮށްފައިވާއިރު، އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެމީހުން ވަނީ ފުލުހުންގެ ވަޒީފާއިންވެސް ވަކިކޮށްފައެވެ.

20 އަހަރާއި ހަމަހުގެ ޖަލު ޙުކުމެއްގެ އިތުރުން އެ ދެމީހުންގެ މައްޗަށް ކޯޓުން އިއްޔެ ވަނީ، އެމީހުން ވެގެން ރޭޕްގެ ޝިކާރައަކަށް ހަދާލި ދެ ޒުވާން އަންހެނުންނަށް ޖުމަލް ހަތަރުލައްކަ ރުޕީސް ދިނުމަށްވެސް އަމުރުކޮށްފައެވެ.