އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބަންގްލަދޭޝް އަށް ކުރާ ދަތުރާ ދެކޮޅަށް މުޒާހަރާ ކުރި ފަސް މީހަކު މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަނުޖެހުމުގެ ތެރެއިން މަރުވެފައި ވަނީ އިސްލާމިސްޓް ގްރޫޕެއްގެ ފަސް މީހެކެވެ. މި އެންމެންގެ ގަޔަށް ވެސް ވަޒަން އަރާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ ހަމަނުޖެހުމުގެ ތެރެއިން މަރުވެފައިވާ ފަސް މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެތަނުން ތިން މީހަކީ މަދަރުސާއެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ބަންގްލަދޭޝް ޒިޔާރަތް ކުރީ އެގައުމުގެ މިނިވަން 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވާށެވެ. ބަންގްލަދޭޝްގައި މުޒާހަރާ ކުރަމުން ދިޔައީ އިންޑިއާގެ ބޮޑުވަޒީރު އެގައުމަށް ކުރަން ހަމަޖެހިފައިވާ ދަތުރު ހުއްޓާލުމަށް ގޮވާލަމުންނެވެ.

މުޒާހަރާގެެ ބައިވެރިން ގޮވަމުންދިޔައީ ބޯޑަރުގައި ބަންގްލަދޭޝް ރައްޔިތުންނަށް އިންޑިއާ އިން އަނިޔާ ދެމުން އަންނަ ކަމަށެވެ. އަދި ކަޝްމީރާއި އެހެންވެސް އިންޑިއާގެ ސަރަހައްދުތަކުގައި މުސްލިމުން މަރަމުންދާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނަށް ހަމަލާދީ ކުރިމަތިލުމަކަށް ވެސް ގޮސްފައެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކަރުނަ ގޭހައި ރަބަރު ވަޒަން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައެވެ. މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.