މާތްވެގެންވާ މައްކާގެ މަސްޖިދުލްޙަރަމްގެ އުސްތަނަކުން ފުންމާލައިގެން އަމިއްލައަށް މަރުވި މީހާ މަރުވީ، އޭނާގެ އުފަންދުވަހު ކަމަށް ނޫސްތަކުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވި މިހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް، ސައުދީގެ ކަމާއި ބެހޭ އިދާރާއަކުން ހާމަކޮށްފައި ނުވާއިރު، ބައެއް ނޫސްތަކުން ބުނެފައިވަނީ މަރުވީ ޕާކިސްތާނަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

އުމުރުން 26 އަހަރުގެ އެމީހާ މަސްޖިދުލްޙަރަމްގެ މަތީ ފަންގިފިލާއަކުން ފުންމާލައިގެން އަމިއްލައަށް މަރުވިއިރު އޭނާ ސައުދީއަށް ދިޔައީ މިމަހުގެ ތިން ވަނަ ދުވަހު މަދީނާގައި ހުންނަ ޕްރިންސް މުޙައްމަދު ބިން އަބްދުލް އަޒީޒް އެއާޕޯޓުން ކަމަށްވެއެވެ. އޭރު އޭނާ ހުރީ ފަސް ދުވަހުގެ މުއްދަތަކަށް މަދީނާ އާއި މައްކާގެ ހޮޓެލްތަކުގައި މަޑުކުރުމަށް ބުކިންގވެސް ހައްދާފައި ކަމަށް ނޫސްތަކުން ބުނެއެވެ.

ސައުދީގެ ފުލުހުން ބުނެފައިވަނީ، އެމީހާ އަމިއްލައަށް މަރުވުމަށްޓަކައި ފުންމާލީ މާތްވެގެންވާ ގެފުޅުގެ ކައިރީގައި މީހުން ތަވާފްކުރާ ތަނަށެވެ. އެތަނުން ފުންމާލުމުގެ ސަބަބުން އޭނާގެ ބޯފަޅައިގެން ގޮސް ބައެއް ގުނަވަންތައް ބިންދައިގެންގޮސް ގިނަ ޢަދަދަކަށް ހަޑިގަނޑު ލޭ ފައިބަމުންދިޔައެވެ. އޭނާ މަރުވީ، ހާދިސާ ހިނގުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވަނީހެވެ.

އެމީހާގެ މަރުގެ މައްސަލަ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ތަހުޤީޤު ކުރަމުންދާއިރު މައްކާގެ ހަރަމްފުޅުގައި މިދިޔަ އަހަރުވެސް މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭޑްޔައި

    އެމީހާއަށް ހީވީ ކަންންނޭގެ އެތަނުގައި މަރުވީމައި ހުރިހާ ފާފައެއް ފޮހެވި ސުވަރު ގެ ލިބޭނެ ކަމަށް. ހޭލުންތެރި ކުރަން ޖެހޭ ކަމެއް.