މާލެ އާއި ހުޅުލެއާއި ދެމެދުގައި އެޅިގެންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޕްރޮޖެކްޓްއަކީ މިހާތަނަށް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ރާއްޖޭގައި ފެނިގެންދާ މަސައްކަތުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްއެވެ. މި ބްރިޖްއާއި ބެހޭގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ސުވާލު އުފައްދައި ފާޑުކިޔުންތައް އަމާޒުކުރިނަމަވެސް ހަގީގަތަކީ ބްރިޖްއެއް އެޅުމަކީ ވަރަށްވެސް އަގުބޮޑުކަމެއް ކަމެވެ.

މިގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި އެޅިފައިވާ މަޝްހޫރު އެކި އެކި ބްރިޖްތަކަށް ބަލާލާއިރު މެކްސިކޯގައި އޮންނަ ނަޒަޓްލަން ބަލުއާރޓް ބްރިޖްއަކީ ދުނިޔޭގެ އެންމެ އުސް ބްރިޖެވެ. މިއީ ހައިވޭއެއްގެ ގޮތުގައި ބޭނުން ކުރާ ބްރިޖެކެވެ. މި ބްރިޖް އެޅުމަށް 1.46 ބިލިއަން ޑޮލަރު ހަރަދުވެގެންދިޔައިރު މިއީ މުޅި ދުނިޔެއިންވެސް ފެނިގެންދިޔަ މިފަދަ އެންމެ ބޮޑު އެއް ޕްރޮޖެކްޓްއެވެ.

ޗައިނާގެ ޝާންޑޮންގްގައި އޮންނަ ޖިއާޒޯ ބޭ ބްރިޖްއަކީ ފެނުން މަތީގައި ހެދިފައިވާ އެންމެ ދިގު ބްރިޖެވެ. މި ބްރިޖްގެ ދިގުމިނުގައި މުޅިއަކު 27 ކިލޯމީޓަރު ހުންނައިރު މިއީ 41 ކިލޯމީޓަރުގެ ދިގު ހައިވޭއެއްގެ އެއް ބައެވެ. މި ބްރިޖްއަކީ ޗައިނާއިން ކުރިއަށް ގެންދާ ޖިއަޒޯ ބޭ ކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން އެޅި ބްރިޖެކެވެ. މި ބްރިޖްގެ އަގުގެ ގޮތުގައި 1.45 ބިލިއަން ޑޮލަރު ހަރަދުކުރެވިފައިވެއެވެ.

ދެންވެސް އެންމެ އަގުބޮޑު ބްރިޖްތަކުގެ ލިސްޓަށް އަންނަން އޮތީ އޭޝިޔާގެ ގައުމެއްގެ ނަމެވެ. ދެކުނު ކޮރެއާގެ އިންޗިއަން ބްރިޖްއަކީ އެ ބްރިޖެއްގެ ރީތިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ތައުރީފް ލިބިފައިވާ ބިނާއެކެވެ. 2009 ވަނަ އަހަރު ހުޅުވިގެންދިޔަ މި ބްރިޖްއަކީ ދުނިޔޭގެ 7 ވަނައަށް އެންމެ ދިގު ބްރިޖެވެ. މި ބްރިޖްގެ މައިގަނޑު މަގްސަދުގެ ގޮތުގައިވެފައި ވަނީ ދެކުނު ކޮރެއާގެ އެންމެ ބޮޑު އެއް އެއާޕޯޓުގެކަމުގައިވާ އިންޗިއަން އެއާޕޯޓްއިން ސޮންގްޑޯ ބިޒްނަސް ޑިސްޓްރިކްޓްއަށް ކުރަންޖެހޭ ދިގު ދަތުރު ކުރު ކުރުމެވެ. މި ބްރިޖް ހެދުމަށް މުޅިއަކު 1.55 ބިލިއަން ޑޮލަރު ހަރަދުވެފައިވާކަމަށް ވަނީ ލަފާކުރެވިފައެވެ.

މިއީ އިންސާނުން ބިނާކޮށްފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ، ރީތި އަދި ދިގު ބިނާތަކުގެ ތެރެއިން މަދު ބިނާތަކެކެވެ. މި ބްރިޖްތައް އެޅުމުގައި އެތައް އެތައް ގޮތަކުން އެތައް ކަމެއް ނިންމަންޖެހޭނޭއިރު މި ޕްރޮޖެކްޓްތަކަކީ ރާއްޖޭގައި އެޅިގެންމިދާ ބްރިޖާއި އަޅާކިޔާލާއިރު ހުރިހާގޮތަކުންވެސް މާ ބޮޑެތި ޕްރޮޖެކްޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރުކާރު

    މާލެއާ ހުޅުލެޔާ ދޭތެރޭ އަޅަނީ ބުރިޖެއް ނުން އިންޑިޔާ ކޯރުތައް މަތިން އަޅާފަ އޮންނަ ކަހަލަ ކޯޒުވޭ އެއް