ސުއޭޒް ކެނަލްގައި ތާށިވެ ލިބުނު ގެއްލުންތަކުގެ ބަދަލު ނުދެނީސް ބޯޓު ދޫކޮށް ނުލާނެ ކަމަށް މިސްރުން ބުނެފިއެވެ.

މާޗް މަހުގެ 23 ވަނަ ދުވަހު މުދާ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ 'އެވާ ގިވެން' ބޯޓު ވަނީ ސުއެޒް ކެނަލްގައި ތާށި ވެފައެވެ. މި ބޯޓު ހަފްތާ އަކަށް ވުރެ ގިނަ ދުވަހު ކެނަލްގައި ތާށިވެފައި އޮތުމުން އެތައް ބޯޓު ތަކަކަށް ދަތުރު ނުކުރެވި މަގު ބަންދުވިއެވެ. މިކަމާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދާނެ ކަމަށް ތަކުރާރުކޮށް މިސްރުން ވަނީ ބުނެފައެވެ.

ސުއެޒް ކެނަލް އޮތޯރިޓީއިން ލިބުނު ގެއްލުންތަކުގެ އަގު އަންދާޒާ ކުރާއިރު އެއްބިލިއަން ޑޮލަރަށް އަރައެވެ. އެ އޮތޯރިޓީއިން ބުނެފައިވަނީ ގެއްލުމުގެ އަގާއި އެކު ބޯޓު ފުންކުރުމަށް ކުރި މަސައްކަތަށް ވެސް އަގު ދޭން ޖެހޭނެ ކަމަށެވެ.

'އުންމީދު ކުރަނީ އަވަސް އެއްބަސް ވުމަކަށް އާދެވޭނެ ކަމަށް' ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބީ ވިދާޅުވިއެވެ.

ޓީވީ އިންޓަވިއުއެއްގައި އުސާމާ ރާބީ ވިދާޅުވީ އެވާ ގިވެން ބޯޓުގެ ވެރިން މި ހުށަހެޅުމަށް އެއްބަސްވާ ހިސާބުން މިސްރުން އެ ބޯޓު ދޫކޮށްލާނެ ކަމަށެވެ.

ސުއޭޒް ކެނަލްގައި ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ ވައިގަދަވެ މޫސުން ގޯސްވެގެން ނޫން ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ ވިދާޅުވެފައި ވެއެވެ. އުސާމާ ވިދާޅުވީ ބޯޓު ބީހެން މެދުވެރިވި މައިގަނު ސަބަބަކަށް ޓެކްނިކަލް މައްސަލައެއް ވެދާނެ ކަމަށާއި ނުވަތަ އުޅަނދު އޮޕަރޭޓް ކުރުމުގައި އެރި އޮޅުމަކަށް ވެސް ވެދާނެ ކަމަށެވެ.