މިސްރުގެ ސުއޭޒް ކެނަލްއިން ދަތުރު ކުރަމުން ދަނިކޮށް މިއަހަރުގެ މާޗް މަހު ބީހުނު ކޮންޓޭނާ ބޯޓު ކަމަށްވާ އެވާ ގިވެން އަށް އެހާދިސާގައި ލިބުނު ގެއްލުންތައް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

މަރާމާތު ކުރުމަށް މިހާރު ޗައިނާގެ ގިންގްޑާއޯގައި ބަނދަރު ކޮށްފައިވާ އެވާ ގިވެން ސްއޭޒް ކެނަލްގައި ބީހުމުގެ ސަބަބުން އެބޯޓުގެ ފަށަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިހާރު ޗައިނާގައި ބަނދަރު ކޮށްފައި ވަނީ އެގެއްލުން މަރާމާތު ކުރުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެވާ ގިވެންގެ ފަށުން ގެއްލުން ލިބިފައިވާ ބައި އެއްކޮށް ބުރިކޮށްލުމަށް ފަހު ފަށަން އަލުން ހަދަން ވަނީ ނިންމާފައެވެ.

އެވާ ގިވެން ސްއޭޒް ކެނަލްގައި ބީހުމުގެ ސަބަބުން ބޯޓު ފުން ކުރުމަށް އެއްމިލިއަން އަކަ ފޫޓްގެ ސަރަހައްދަކުން ވެލި ނަގާފައި ވެއެވެ. ބޯޓު ފުން ކުރުމަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތް ކޮށްގެން ވެސް ބޯޓު ފުން ކުރަން ހަދުވަސް ނެގިއެވެ. އެވާ ގިވެން ބީހުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރިއަށް ވެސް އަސަރު ކުރިއެވެ. އެތައް ބޯޓަކަށް ސްއޭޒް ކެނަލް ހުރަސް ނުކުރެވި ގިނަ ދުވަސްތަކަކު މަޑުކުރަން ޖެހުނެވެ.

އެވާ ގިވެން އަކީ ދުނިޔޭގައި ދުއްވާ އެންމެ ބޮޑު ކޮންޓޭނާ ބޯޓެވެ. އެބޯޓަކީ 220000 ޓަނުގެ ބޯޓެކެވެ.

އެވާ ގިވެން އަކީ ކޮންޓޭނާ އުފުލާ ޖަޕާންގެ މަޝްހޫރު ކުންފުނި އެވާ ގްރީންގެ 13 ބޯޓުގެ ތެރެއިން ބޯޓެކެވެ. ނަމަވެސް ބޯޓު ރަޖިސްޓްރީ ކޮށްފައި އޮންނަނީ ޕެނަމާގައެވެ. ބޯޓުގެ ހުރިހާ މާލީ މުއާމަލާތްތައްކޮށް ބޯޓު މެނޭޖް ކުރަނީ ޖަރުމަންވިލާތުގެ ކުންފުންޏަކުންނެވެ.

ސްއޭޒް ކެނަލްގައި އެވާ ގިވެން ބީހުމުން ބަދަލެއްގެ ގޮތުގައި 900 މިލިއަން އެމެރިކާ ޑޮލަރު ދައްކަން މިސްރުގެ ކޯޓަކުން ހުކުމް ކުރިއެވެ. ޖަރުމަންވިލާތުގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޖުލައި މަހު މިސްރުން ބޯޓު ދޫކޮށްލީ ގެއްލުމުގެ ބަދަލު ދައްކަން އެއްބަސްވުމުންނެވެ. ނަމަވެސް ކޯޓުން ބޭރުގައި މަޝްވަރާކޮށް ދައްކަން އެއްބަސްވީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.