ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގައި އިންގިރޭސިވިލާތުން ފައްސިވާ މީހުންގެ އަދަދުތައް މަދުވަނީ އެޤައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދާއި ފުރަބަންދުގެ އުސޫލުތަކުގެ ސަބަބުން ކަމަށާއި، އެއީ މި ބައްޔަށް ޚާއްސަ ވެކްސިންތައް ބޭނުންކުރަމުން އަންނާތީ ނޫން ކަމަށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށިއިރު ހާލަތު އެންމެ ގޯސްވެގެންދިޔަ ޤައުމުތަކުގެ ތެރޭގައި ހިމެނުނު އިނގިރޭސިވިލާތުގައި މި ބަލި ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އަދި އެ ފިޔަވަޅުތަކަށް ލުއި ދިންފަހުން ހާލަތު ކުރިޔަށްވުރެ ގޯސްވެގެން އަނެއްކާވެސް ފުރަބަންދުގެ އާ އުސޫލުތައް އިއުލާނުކޮށްފައި ވެއެވެ.

މި އުސޫލުތައް ޤާއިމްކުރިފަހުން އިންގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މިބަލީގައި މަރުވާ މީހުން އަދި ޚާއްސަކޮށް ބަލި ޖެހިގެން ހާލު ދެރަވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. މިކަމާއި ގުޅިގެން އެންމެ ފަހުން އިނގިރޭސިވިލާތުގައި އިއުލާނުކޮށްފައިވާ ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިދޭންވެސް ފަށާފައެވެ.

ކޮވިޑް-19 ގެ ހާލަތު އިނގިރޭސިވިލާތުގައި ކުރިޔާއި އަޅާބަލާއިރު ރަނގަޅުވަމުން އަންނަނީ ވެކްސިން ޖަހާތީ ނޫންކަމަށް ބޮރިސް ވިދާޅުވިއިރު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 40 މިލިއަން ޑޯޒްގެ ވެކްސިން ދީފައި ވެއެވެ. އަދި އުމުރުން ދުވަސްވީ ގިނަ މީހުންނަށް ވެކްސިންދެވިފައި ވާތީ، ފާއިތުވެދިޔަ ދުވަސްތަކުގައި މެދުއުމުގެ މީހުންނަށްވެސް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

"ކޮވިޑް-19 ގެ ޢަދަދުތައް މިހާރު ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދު. ޚާއްސަކޮށް އަލަށް ފައްސިވާ މީހުންނާއި ބަލީގައި އެނދުމަތިކުރަން ޖެހޭ މީހުން އަދި މަރުތައް ވަނީ ހިފެހެއްޓިފައި. އެހެން ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މިކަން ޙާސިލްވަމުން މިދަނީ ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ސަބަބުންނެއް ނޫންކަން. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ ކުރިއެރުމެއް،" ބޮރިސް ވިދާޅުވިއެވެ.

ބޮރިސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ މުޙިންމު ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުންކަން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ހާމަވެގެންދާ ކަމަށެވެ. އެހެންކަމުން މި ޢަދަދުތައް ހިފެހެއްޓުމަށް އުސޫލުތަކާއި އެއްގޮތަށް ޢަމަލުކޮށް ރައްކާތެރިވެ ތިބުމަކީ އަދިވެސް ނުހަނު މުޙިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ބޮރިސް އިތުރަށް ވިދާޅުވީ، އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ހާލަތަށް ރަނގަޅު ބަދަލެއް އައިސްފައި ވީނަމަވެސް ބަލި ފެތުރުން ހުއްޓުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ފުރަބަންދާއެކު ޢަދަދުތައް ދަށްވާ ފަދައިން ކުރިޔަށް އޮތްތަނުގައި ވެކްސިންގެ ސަބަބުންވެސް އެދެވޭ ހެޔޮ ބަދަލުތައް އަންނަމުންދާނެ ކަމަށް ވެސް ބޮރިސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ކުރީކޮޅު ދުނިޔެއިންވެސް އެންމެ ޙާލަތު ގޯސްވި ޤައުމުތަކުގެ ތެރޭގައި ހިމެނުނު އިނގިރޭސިވިލާތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ފެތުރޭ މިންވަރު ދަށްވިނަމަވެސް އެޤައުމުން އިއްޔެ އެކަނިވެސް ދެހާހަށްވުރެ ގިނަ މީހުން ފައްސިވެ، 23 މީހަކު މަރުވެފައި ވެއެވެ. މިއާއެކު މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 4.3 މިލިއަނަށް އަރައެވެ. އަދި ބަލީގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު 127000 އަށް އަރައެވެ.

އިނގިރޭސިވިލާތަކީ މިވަގުތު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ، އަދި ފަސްވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 3.9 މިލިއަން މީހުންނެވެ. އަދި މިވަގުތު ފަރުވާދެމުން އަންނަ 256000 މީހުންގެ ތެރެއިން ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ފަރުވާދެނީ 377 މީހަކަށެވެ.