ދުނިޔޭގެ އެކި ހިސާބުތަކަށް މުދާއުފުލުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ސުއެޒް ކެނަލްގައި މިދިޔަ މަހު 'އެވާ ގިވެން' ބޯޓު ތާށިވެ އެންމެންގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. ބޯޓު ފުން ކުރެވިފައި ވީ ނަމަވެސް އަދިވެސް ބޯޓު އޮތީ މިސްރުގެ ބާރުގެ ދަށުގައެވެ.

އެޕްރީލް 12 ވަނަ ދުވަހު މިސްރުގެ ކޯޓަކުން ވަނީ މި ބޯޓުގެ ވެރިޔާ 916 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. ސުއޭޒް ކެނަލް ބަންދުވުމުން މިސްރަށް ލިބުނު ގެއްލުމާއި އަދި ބޯޓު ފުންކުރުމަށް ކުރި މަސައްކަތުގެ އަގެއްގެ ގޮތުން ބޯޓުގެ ވެރިޔާ ޝޯއީ ކިޝެން ކައިސާ 916 މިލިއަން ޑޮލަރު މިސްރަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.

ކޯޓުން ހުކުމް ކުރި ނަމަވެސް، އެވާ ގިވެންގެ ވެރިޔާ ވަނީ މި ފައިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.

އެހެން ނަމަވެސް ޖޫރިމަނާގެ އަދަދު މިސްރަށް ނުދައްކަނީސް ބޯޓު ދޫ ނުކުރާނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ.

ޓީވީ އިންޓަވިއު އެއްގައި ސުއެޒް ކެނަލް އޮތޯރިޓީގެ ހިންގުމާއި ހަވާލުވެގެން ހުންނެެވި އުސާމާ ރާބީ ވިދާޅުވީ އެވާ ގިވެން ބޯޓުގެ ވެރިޔާ ޖޫރިމަނާ އަދާކުރަން ދެކޮޅު ހަދަމުންދާތީ، ބޯޓު އޮތީ ރަސްމީކޮށް މިސްރުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

މިސްރުން ވަނީ އެވާ ގިވެން ބޯޓު ސުއެޒް ކެނަލްގައި ތާށި ވާން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގް ކޮށްފައެވެ.

ތަހުގީގުން އެނގިގެން ދިޔައީ ބޯޓު ބީހެން މެދުވެރިވީ މޫސުން ގޯސްވެގެން ނޫން ކަމުގައި ސުއެޒް ކެނަލް އޮތޯރިޓީން ބުނެފައިވެއެވެ. އެ އޮތޯރިޓީއިން ގަބޫލު ކުރަނީ ލިބުނު ގެއްލުމުގެ ޒިންމާ އެވާ ގިވެން ބޯޓުގެ ވެރިން ނަގަން ޖެހޭނެ ކަަމަށެވެ. އެެހެންކަމުން، ބޯޓަށް ދަތުރު ކުރެވެން އަންނަނީ މިސްރަށް ދައްކަން ހުރި ފައިސާ ދައްކާ ނިމުމުންނެވެ.