ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ދެލައްކައެއްހައި މީހުން ފައްސިވެ، މި ބަލީގައި އިތުރު ހާހަކަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެޤައުމުން 199,531 މީހަކަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އިންޑިއާއިން އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

އިއްޔެވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުންނަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިގޮތުން އިއްޔެ އެޤައުމުން 185,248 މީހަކަށް މި ބަލި ޖެހުނު ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. މިއީ އިއްޔެގެ ނިޔަލަށް އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާއިން އިތުރު ދެލައްކައެއްހައި މީހުންނަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14 މިލިއަނަށް އަރާފައެވެ.

އިންޑިއާއިން އިތުރު އެތައް ހާސް ބަޔަކަށް ކޮވިޑް-19 ޖެހިފައިވާއިރު އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ބަލީގައި 1036 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއާއެކު އެޤައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 173,151 ގައެވެ.

އިންޑިއާއަކީ މިހާރު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އަދި މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީވެސް އިންޑިއާއެވެ.

މިވަގުތު ދުނިޔެއިން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނީ އިންޑިއާއެވެ. އެޤައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން މި އަންނަނީ، ނުރައްކާ ބޮޑުވެ ބަލިމަޑުކަމުގެ ކޮންޓްރޯލް ގެއްލިދާނެކަމުގެ އިންޒާރު އެޤައުމުގެ އިދާރާތަކުން މީގެ ކުރިން ދީފައި ވަނިކޮށެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 12.4 މިލިއަން މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ 1.4 މިލިއަން މީހުންގެ ތެރެއިން 8900 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް އެތައް ހާސް ބަޔަކު އަލަށް ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން އެ ސްޓޭޓް މިހާރު އޮތީ ފުރަބަންދުވެސް ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 138 މިލިއަން މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 2.9 މިލިއަން މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު