މިޔަންމާގެ މަދަނީ ސަރުކާރު ސިފައިން ނިކުމެ ބަޣާވާތަކުން ވައްޓާލުމުން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން، ހިތްހަމަނުޖެހުން ފާޅުކުރި ޑޮކްޓަރުންތަކަކަށް ދަޢުވާކުރުމަށް ނިންމައިފިއެވެ.

ނޫސްތައް ބުނާގޮތުން ބަޣާވާތާއި ދެކޮޅަށް އަޑުއުފުލި މައްސަލައިގައި މިހާތަނަށް މިޔަންމާގެ 19 ޑޮކްޓަރަކަށް ދަޢުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. މި 19 ޑޮކްޓަރުންނާއި ދެކޮޅަށް އުފުލަން ނިންމާފައިވަނީ ޤައުމުގައި ހަމަނުޖެހުން އުފައްދައި ސުލްޙަ ގެއްލުވާލަން މަސައްކަތް ކުރުމާއެކު ކަމާއި ބެހޭ ފަރާތްތަކުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ބަޣާވާތަކުން މިޔަންމާގެ ވެރިކަން ވައްޓާލި ހިސާބުން ފެށިގެންވެސް އެޤައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި މުޒާހަރާތައް އަންނަނީ ކުރަމުންނެވެ. މި މުޒާހަރާތައް ރޫޅާލުމަށް އެޤައުމުގެ ސިފައިން ނިކުމެ ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެސް ވެފައެވެ.

މިކަމާއި ގުޅިގެން މިޔަންމާގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ އެޤައުމުގައި ހިންގާ ލޭއޮހޮރުވުންތަކާއި ދެކޮޅުކަން ހާމަކޮށް ކެމްޕޭނެއްވެސް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން، މަރާލާފައިވާ މީހުން ރަމްޒުކޮށްދީ އެޤައުމުގެ އެކި ސަރަޙައްދުތަކުގެ ފާރުތަކުގައި އާއި ޢިމާރާތްތަކަށް ރަތްކުލަ ޖަހަފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް، ކުޑަކުދިންވެސް ހިމެނޭހެން 700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ސިފައިންގެ ޙަމަލާތަކުގައި މަރުވި މީހުންނެވެ. ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ވައްޓާލީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

އެޤައުމުގެ ސިފައިން ވަނީ ޢާންމުން މުޒާހަރާއަށް ނިކުންނަ ނަމަ "ފުރަގަހުން ނުވަތަ ބޮލަށް" ބަޑި ޖަހާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މިޔަންމާއަށް ބަޣާވާތް ގެނައުމުގެ ކުރިން އެގައުމުން އދ.އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މިއަދު ވިދާޅުވީ މިޔަންމާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުން އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ މިޔަންމާގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޔަންމާ ރައްޔިތުން މެދުކެނޑުމެއްނެތި މުޒާހަރާ ކުރަމުން ދާއިރު މިޔަންމާގެ އަސްކަރީ ލީޑަރު ޖެނެރަލް މިން އައުންގް ލަންގް ވަނީ އެގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ އިރެއް އޭނާ ހާމައެއް ނުކުރެއެވެ.