ކޮވިޑް-19 އާއި ދެކޮޅަށް ކޮވިޝީލްޑް ވެކްސިން ތައްޔާރު ކުރަމުންދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އެހެން ގައުމެއްގައި ވެކްސިން އުފައްދަން ފެށުމުގެ ހިޔާލު ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންސްޓިޓިއުޓްގެ ޗީފް އެގްޒެެކެޓިވް އޮފިސަރު، އާދަރު ޕޫނަވައްލާ ބުނެފައިވަނީ އިންޑިއާއަށް ވެކްސިން އުފައްދަން ބޭނުންވާ ތަކެތި ލިބުމަށް ދަތިތަކެއް ހުރުމުން އެހެން ގައުމުތަކުގައި ވެކްސިން ތައްޔާރު ކުރަން ވިސްނާ ކަމަށެވެ.

ސީރަމް އިންސްޓިޓިއުޓުން ޖުލައި މަހުގެ ނިޔަލަށް 100 މިލިއަން ވެކްސިން ޑޯޒް ތައްޔާރު ކުރެވޭނެ ކަމަށް ޕޫނަވައްލާ ބުނެއެވެ. އިންޑިއާގައި މިހާރު ގިނަ ސްޓޭޓް ތަކަކުން ވެކްސިން ހުސްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ހަ މަސްދުވަހުގެ ތެރޭގައި ސީރަމް އިންސްޓިޓިއުޓުން ވެކްސިން އުފައްދާ މިންވަރު 2.5 ބިލިއަނުން 3 ބިލިއަނަށް އިތުރުކުރާނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 3 ލައްކައަށް އަރައެވެ. މީގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުން އިތުރުވެ ސިއްހީ ފަރުވާ ދިނުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވެއެވެ. މި ހާލަތުގައި ގައުމު އޮތް އިރު ގިނަ ބަޔަކަށް ވެކްސިން ޖަހާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ދިރާސާކުރާ ގިނަ ތަޖުރިބާކާރުން ބުނަމުންދަނީ އިންޑިއާގެ ހާލަތު ގޯސްވެފައިވަނީ އެގައުމުގެ ސަރުކާރުން ކޮވިޑް ފެތުރެމުން ދިޔަ އިރުވެސް އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ސިޔާސީ ހަރަކާތް ތަކާއި، ގިނަ ބަޔަކު އެއްވެ އުޅެ ހަރުކަށި ފިޔަވަޅެއް ނޭޅުމުން ކަމަށެވެ. ސައިންސްވެރިން ލަފާކޮށްފައިވަނީ މި މަހުގެ 5-3 ދުވަހާއި ދޭތެރޭގައި އެގައުމުން ކޮވިޑަށް ފައްސިވާ މީހުން އިތުރުވެދާނެ ކަމަށެވެ.