މެކްސިކޯ ސިޓީގައި ރޭލެއް ދަތުރުކުރަމުން ދަނިކޮށް މެޓްރޯ އޯވާޕާސް ބިމަށް ވެއްޓި ހިނގި ހާދިސައިގައި 20 މީހަކު މަރުވެ، 70 މީހަކު ޒަހަމް ވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ދަތުރުކުރަމުން ދިޔަ ދެތިން ޓްރެއިންއެއް ބިމަށް ވެއްޓިފައިވާ އިރު، މަގުމަތީގައި އޮތް ކާރެއް ފުނޑު ފުނޑު ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ރެސްކިއު ޓީމާއި ފަޔާ ފައިޓަރުންގެ ޓީމަކުން ދަނީ އެކްސިޑެންޓް ހިނގި ސަރަހައްދު ބަލައި، ދިރި ހުރި އެއްވެސްް މީހެއްގެ ނިޝާނެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން 2017 ވަނަ އަހަރު އެގައުމަށް އައި ބިންހެލުމާއި އެކު އެތަނުގައި ރެނދުލައިފައި ހުރިކަމަށް ރައްޔިތުން ރިޕޯޓު ކޮށްފައިވެއެވެ. މެކްސިކޯގެ އެލް ޔުނިވާސަލް ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޓްރާންސްޕޯޓު އޮތޯރިޓީއިން ރެނދުލާފައިވާ ތަން މަރާމާތު ކޮށްފައިވެއެވެ.

މެކްސިކޯ ސިޓީގެ މޭޔަރު ކްލައުޑިއާ ޝެއިންބަމް ވަނީ 20 މީހުން ވެސް މަރުވެފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

އެމަޖެންސީ ސާވިސް ޓީމުން ރިޕޯޓު ކޮށްފައިވަނީ މި އެކްސިޑެންޓުގައި 70 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ފުނޑުވެފައިވާ ގާތަކުގެ ތެރޭގައި އަދިވެސް މީހުން ތިބި ކަމަށާއި، މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އެ ޓީމުން ބުނެފައިވެއެވެ.