ލޭގަނޑުވާ ކަމުގެ އެކި މައްސަލަ ފެންމަތިވި ނަމަވެސް، އިނގިރޭސިވިލާތުގެ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ކޮވިޝީލްޑް ވެކްސިން ދިނުމަށް އެގައުމުން ނިންމައިފިއެވެ.

އިންޑިއާގެ ސީރަމް އިންސްޓިއިޓްއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދިން 28.5 މިލިއަން މީހުންގެ ތެރެއިން 242 ލޭގަނޑުވުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެގައުމުން 40 އަހަރުން ދަށުގެ މީހުންނަށް އެވެކްސިން ދޭން ނިންމާފައިވަނީ ލޭގަނޑުވުމުގެ މައްސަލަ އެ އުމުރުގެ މީހުންނަށް ކުޑަ ކަމަށް ބުނެއެވެ.

ޖައިންޓް ކޮމިޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނިޒޭޝަންގެ ޕްރޮފެސަރ ވެއި ޝެން ލިމް ވިދާޅުވެފައި ވަނީ އެފަރާތްތަކުން އަންނަނީ އާންމުންގެ ރައްކަލަށް ޙާއްސަ އިސްކަމެއް ދެއްވަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެކްސިންގެ ޕްރޮގްރާމްތައް ފެށޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އިންސައްތަ ދަށްވެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި 18-39 އަހަރުގެ މީހުންގެ ތެރެއިން އެއްވެސް ކަހަލަ ސިއްހީ މައްސަލަތަކެއް ނެތް މީހުންނަށް ކޮވިޝީލްޑް ވެކްސިން ހުރިއްޔާ ދެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޝީލްޑް ވެކްސިން ވަކި އުމުރު ފުރާއެއްގެ މީހުންނަށް ދޭން ނިންމާފައިވާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ލޭގަނޑުވުމުގެ މައްސަލަތައް ފެންމަތިވެފައިވާތީ އެވެކްސިން ބޭނުން ކުރުން މެދުކަނޑާލާފައެވެ.

އިނގިރޭސިވިލާތުގެ 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އެގައުމުން މިހާތަނަށް 16 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.