އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށާއި އަލް އަގްސާ މިސްކިތަށް ދިން ހަމަލާ ޕާކިސްތާނުން ކުށްވެރިކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރަމަޟާން މަހު އިސްރާއީލުގެ ސިފައިން އަލް އަގްސާގައި ތިބި ރައްޔިތުންނަށް ދެމުން އަންނަ އަނިޔާ ކުށްވެރި ކުރައްވާ ކަމަށެވެ. އެފަދަ ހަމަލާ ދެނީ އެއްވެސް ކަހަލަ އިންސާނިއްޔަތު ކަމެއް ނެތި ގާނޫނާއި ހިލާފަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މިކަމަށް ވާހަކަ ދައްކަން. ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދޭން، އެހީތެރިކަން ދޭން. ބައިނަލްއަގުވާމީ އިދާރާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތްކަން ދޭން ގޮވާލަން" އިމްރާން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ފަލަސްތީނާއެކު ތިބުމަށް އިމްރާން ގޮވާލެއްވި އިރު އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި ވަނީ މުސްލިމް ހުރިހާ ގައުމަކުން ހުއްޓާނުލައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީ އަގްސާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީން މީހުންނަށް އިސްރާއީލް ސިފައިން ރަބަރު ވަޒަނުން ހޯމަ ދުވަހު ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލުމާ ގުޅިގެންނެވެ.

އެގޮތުން އިސްރާއީލް ސިފައިން އަންނަނީ ރޮކެޓު ހަމަލާ ދެމުން ކަމަށް ވެސް މީޑިއާ ރިޕޯތްތަކުން ބުނެއެވެ. މި ހަމަލާގައި މިހާތަނަށް 305 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އޭގެ ތެރެެއިން 228 މީހަކަށް ފަރުވާދެމުން ދަނީ ތިން ހޮސްޕިޓަލެއްގައެވެ. އަދި ހޮސްޕިޓަލްތަކުގައި ފަރުވާދެންދާ މީހުންގެ ތެރެއިން ހަތް މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.