އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ރޮކެޓް ހަމަލާތަކަށް ފިލަން ބިންގަރާހަކަށް ވަންނަން އުޅުނު އިސްރާއީލްގެ އިތުރު މީހަކު މަރުވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ރަމަތު ގަންގައި މަރުވެފައި ވަނީ 50 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ރޮކެޓެއް އަމާޒުވާން އުޅޭ ކަމުގެ އިންޒާރު ލިބުމުން އަވަހަށް ބިންގަރާހަށް ފައިބަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ހޯމަ ދުވަހު އިސްރާއީލާއި ޣައްޒާއާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށިފަހުން މިހާތަނަށް އިސްރާއީލްގެ ނުވަ މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

މިއަދު އިސްރާއީލްގެ 87 އަހަރުގެ އަންހެނަކު ވެސް ވަނީ މިސައިލް ހަމަލާތަކަށް ފިލަން ބިންގަރާހަށް އެރެން އުޅެނިކޮށް ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައެވެ.

އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވެސް ރޭ ވަނީ އާދަޔާއި ހިލާފަށް ވަރުގަދަ ކޮށްފައެވެ. ރޭ ވައިގެ މަގުންނާއި އެއްގަމު މަގުން ވެސް ޣައްޒާއަށް ހަމަލާތައް ދިނެވެ. ޣައްޒާގައި ތިބި މީހުން މައުލޫމާތުދޭ ގޮތުގައި މިނެޓެއްގެ ތެރޭގައި 150 އަށްވުރެ ގިނަ ބޮމުގެ ހަމަލާ ވެސް ރޭ ބައެއް ވަގުތުތަކުގައި އިސްރާއީލުން ޣައްޒާއަށް އަމާޒު ކުރިއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާރު 119 އަށް އަރައެވެ. ޣައްޒާއަށް ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަދި އިތުރު ހަމަލާތައް ވަރަށް ވަރުގަދައަށް ޣައްޒާއަށް ދެމުންދާނެ ކަމަށް ރޭ ބުނެފައެވެ. އިސްރާއީލްގެ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށް ބުނެ އެމެރިކާ އިން ދަނީ އިސްރާއީލަށް ހިތްވަރު ދެމުންނެވެ.

އިސްރާއީލްގެ އަމަލުތައް ހުރިގޮތައް ބަލާއިރު ޣައްޒާއަށް ހަމަލާތައް ދިނުން އަވަހަށް ހުއްޓާލާނެ ކަމަށް ނުބެލެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.