އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ފައްސިވެގެން އޭނާ އަށް ފަރުވާ ދިން ނަރުހަކު އިސްތިއުފާ ދީފިއެވެ.

އެގައުމުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން އެ ނަރުސް އިސްތިއުފާ ދިނީ އިނގިރޭސި ސަރުކާރުން ސިއްހީ މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރުމާއި، އިހުތިރާމް ނުކުރުން އަދި މަސައްކަތްތެރިންނާ މެދު ނުރުހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރު ޖޯންސަންއަށް ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އައިސީޔޫގައި ބޭއްވި އިރު އޭނާއަށް ފަރުވާ ދިން ނަރުހުންގެ ތެރޭގައި ހިމެނުނު ޖެނީ މެކްގީ ބުނި ގޮތުގައި، އިނގިރޭސި ވިލާތުގައި ސިއްހީ ހިދުމަތްތެރިންނަށް އިހުތިރާމް ނުލިބޭއިރު، އެކަށީގެންވާ މުސާރައެއް ވެސް ނުލިބޭ ކަމަށެވެ.

"ލިބުން ހައްގު އިހުތިރާމެއް ވެސް މުސާރައެއް ވެސް ނުލިބޭ. މިހާރު ވަރުބަލިވެއްޖެ. އިސްތިއުފާ ސިޓީ ހަވާލު ކޮށްފިން" މެކްގީ ބުނެފައިވެއެވެ.

އިނގިރޭސި ސަރުކާރުން އެންއެޗްއެސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެއް އިންސައްތައަށް އިތުރުކުރަން ހުށަހެޅުމުން އެކަމާ މެކްގީ ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ. މުސާރަ އެއް އިންސައްތައަށް ބޮޑުކުރަން ނިންމުމުން މެކްގީގެ އިތުރުން އެހެން ސިއްހީ މަސައްކަތްތެރިން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ސަރުކާރުގެ ކުރިމަތިލި ގޮތާ މެދު ގިނަ ނަރުހުން ތިބީ ހިތްހަމަނުޖެހިފައެވެ. އެގޮތުން، ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ގޮތް ނިންމުމުގައި ފަސް ޖެހުމާއި އެކި ފަހަރު އެކި ގޮތަށް މެސެޖުތައް ދިނުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ޗެނަލް4 އިން އުފައްދާފައިވާ ޑޮކިއުމެންޓްރީއެއްގައި މެކްގީގެ މައުލޫމާތާއި އޭނާގެ އިންޓަވިއު ގެނެސްދީފައިވާއިރު، އެކަމާއި ގުޅޭ ގޮތުން ޖޯންސަންގެ އޮފީހުގެ ބަހެއް އަދި ލިބިފައިނުވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.