އިސްރާއިލުން ފަލަސްތީނަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އެޕަލް ކުންފުނިން އެއްވެސް ބަހެއް ނުބުނާތީ، ކުންފުނީގެ މުވައްޒަފުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ފަލަސްތީނުގެ ދިފާއުގައި ބަހެއް ބުނުމަށް އެދި ކުންފުނީގެ ސީއީއޯ، ޓިމް ކޫކަށް ސިޓީއެއް ފޮނުވައިފިއެވެ.

ކުންފުނީގައި މަސައްކަތް ކުރާ 1،000 މުވައްޒަފުންގެ ސޮޔާއެކު ޓިމް ކޫކަށް އެޕަލް މުސްލިމް އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ފަލަސްތީނުގައި އެތައް މިލިއަން މުސްލިމުންތަކަކަށް ޔަހޫދީން ހަމަލާދީ، ޖަރީމާތައް ހިންގަމުން ދާއިރު އެ މުސްލިމުން އުޅޭ ނިކަމެތި ހާލު ކުންފުނިން ބެލުމަށް އެދިފައިވެއެވެ.

އެޕަލްގެ މުސްލިމް އެސޯސިއޭޝަނުން މި ސިޓީ ފޮނުވާފައިވަނީ ޣައްޒާއަށް އިސްރާއިލުން ދިން ހަމަލާގައި މި މަހު 227 މީހުން ޝަހީދުވެފައިވަނިކޮށެވެ. މިދިޔަ އަންގާރަ ދުވަހު ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިސްރާއިލް ސަރުކާރުން އެއްްބަސްވިއެވެ.

ނަމަވެސް، ހަމަލާ ހުއްޓާލުމަށް ފަހު އަނެއްކާވެސް މަސްޖިދުލް އަގްސާއަށް އިތުރު ހަމަލާތަކެއް ދިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލް ކުންފުނީގެ މުސްލިމް މުވައްޒަފަކު މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ މުސްލިމް އެސޯސިއޭޝަނުން ސިޓީ ފޮނުވާފައިވަނީ ކުންފުނީގެ ބަހެއް ނުލިބުމުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. ސިޓީއަށް އަދި ކުންފުނިން ޖަވާބު ދީފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ. މުވައްޒަފުން 7 ކަމަކަށް އެދިފައިވާއިރު، އދ އިން ނިންމާ ގޮތްތަށް ބެލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން އަދި މި މައްސަލައާއި ގުޅިގެން އެޕަލްއިން ބަހެއް ބުނި ނަމަވެސް، ދެފަރާތަށް ބުރަވާ ގޮތަށް ބަހެއް ނުބުނުމަށް އެދިފައިވެއެވެ.